English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމަށް ނިސްބަތްވާ 9 މެމްބަރަކު އެ ޕާޓީން ވަކިވުމަށް އެދި ހުށަހެޅުއްވުމުން ވަކިކޮށް ނުދެއްވި ސަބަބު ހާމަކޮށްފިއެވެ. އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ޚަލީލް ވިދާޅުވެފައިވަނީ މެންބަރުން ވަކިކުރުމަށް ދެކޮޅު ހެއްދެވީ އެބޭފުޅުންގެ ސުލޫކީ މައްސަލަތަކެއް ޕީޕީއެމްގެ ސުލޫކީ ކޮމެޓީއަށް ހުށަހަޅާފައިވާތީ ކަމަށެވެ. އެ މެންބަރުން ޕާޓީން ވަކުކުރުމާމެދު ގޮތެއް ނިންމާނީ މައްސަލަތައް ބެލުމަށްފަހު ކަމަށް އޭނާ ވިދާޅުވިއެވެ. ޕީޕީއެމުން ވަކިވުމަށް އެދި ސިޓީފޮނުވައިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތްކަމަށް ނަގާވޯޓަށް ތާއިދުކޮށް ސޮއިކުރައްވާފައިވާ 10 މެންބަރުންގެ ތެރެއިން 9 މެންބަރުންނެވެ. އެއީ ދަނގެތީ ދާއިރާގެ މަޖިލިސް މެންބަރު އިލްހާމް އަހުމަދު، މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން، ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު، ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ، އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ، ތިނަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ، ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ، މަހިބަދޫ ދާއިރާގެ މެމްބަރު މުހައްމަދު ތާރިގް، ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހެވެ.