English Edition
Dhivehi Edition

އައްޑޫގެ ކުލިނިކެއްގައި މަސައްކަތް ކުރަމުން އަންނަ ބިދޭސިއެއްގެ މައްސަލައެއް އައްޑޫސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުން ބަލަން ފަށައިފިއެވެ. ބިދޭސިއެއްގެ މައްސަލައެއް ފުލުހުން ބަލަން ފަށާފައިވާކަން ޕޮލިސް މީޑިއާއިން އޭއޯ ނިއުސް އަށް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. ނަމަވެސް އެއީ ކޮން މައްސަލައެއްގައި ކަމެއް ފުލުހުން ހާމައެއް ނުކުރައްވައެވެ.

މައުލޫމާތު ލިބޭ ގޮތުގައި އިންޑިއާގެ ބެންގަލޫރުގެ މި މީހާއަކީ 2006 ވަނަ އަހަރު މީހަކު މަރާލި ކަމަށް ފުލުހުންގެ ތަހުގީގުގައި އެއްބަސް ވެފައިވާ މީހެކެވެ. މީހަކު މަރާލާފައި، ކުރިން ބޭނުންކުރި ނަމުގެ ބަދަލުގައި އެހެން ނަމެއްގައި ރާއްޖެއައިސް ފޭދޫގައި ހިންގަމުން އަންނަ އެއިމްސް ކުލިނިކުގެ ލެބޯޓްރީގައި ބާސްކަރު ސްރިވަސްތާގެ ނަމުގައި މަސައްކަތް ކުރަމުން އަންނަ މި މިހާ ރާއްޖެ އައީ ހިތަދޫގައި ހިންގަމުން އަންނަ އައިއެމްޑީސީ ކުލިނިކުގެ ލެބްގައި މަސައްކަތް ކުރުމަށެވެ. 2014 ވަނަ އަހަރުން ފެށިގެން އެތަނުގައި މަސައްކަތް ކުރުމަށްފަހު އޭނާ އެއިމްސް ކުލިނިކަށް ބަދަލުވީ 2016 ވަނަ އަހަރުގައެވެ. އޭނާ އައިއެމްޑީސީ އަށް ވަޒީފާއަށް އައީ ވަޒީފާއަށް މީހުން ނަގާ އާންމު އުސޫލުގެ ދަށުން އެއްވެސް ކަހަލަ މައްސަލައެއް ނެތި ހުށަހަޅަން ޖެހޭ ހުރިހާ ލިޔެކިޔުންތަކެއް ފުރިހަމައަށް ހުށަހަޅައިގެން ގަވައިދުގެ ދަށުން ކަމަށް އައިއެމްޑީސީއިން ބުނެއެވެ. އޭގެ ފަހުގައި އަމިއްލައަށް އެދިގެން އެއިމްސް ކުލިނިކަށް އޭނާ ވަނީ ބަދަލުވެފައެވެ.

ބާސްކަރު ސްރިވަސްތާގެ ނަމުގައި ހަދާފައިވާ ޕާސްޕޯޓެއްގައި އައްޑޫގައި މަސައްކަތް ކުރަމުން އަންނަ މި މީހާގެ އަސްލު ނަމަކީ ގުރުރާޖު ކިޝޯރު ކަމަށް އޭއޯ ނިއުސް އަށް ވަނީ މައުލޫމާތު ލިބިފައެވެ.

ގުރުރާޖު އަކީ 2006 ވަނަ އަހަރުގެ ޖުލައި މަހުގައި މީހަކު މަރާލި ކަމުގެ ކުށުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މީހަކު މަރާލިކަމަށް އަމިއްލަ އަށް އިއުތިރާފުވެފައިވާ މީހެކެވެ. 2006 ވަނަ އަހަރުގެ ޖުލައި މަހު އިންޑިއާގެ ނޫސްތަކުގެ ފަލަ ސުރުޚީއެއްގެ ގޮތުގައި އެވާހަކަ ވަނީ ރިޕޯޓު ކޮށްފައެވެ.

އިންޑިއާގެ ދި ހިންދޫ ގައި 2006 ވަނަ އަހަރުގެ ޖުލައި 27 ވަނަ ދުވަހު ރިޕޯޓު ކޮށްފައިވާ ޚަބަރުގައި ބުނާ ގޮތުން ގުރުރާޖު ވަނީ އޭނާ ރައްޓެހިވެގެން އުޅޭ ތާނިޔާ ބަނާޖީ މަރާލި ކަމަށް އެއްބަސްވެފައެވެ.

http://www.thehindu.com/todays-paper/bpo-firm-employee-held-on-charge-of-killing-colleague/article3111800.ece

ގުރުރާޖު އޭނާ ހިތާވެގެން އުޅޭ އަންހެން ކުއްޖާ މަރާލާފައިވަނީ އެހެން ފިރިހެނުންނާ އެކު އުޅޭތީއާއި އަދި އޭނާގެ ހައި ސޮސައިޓީ ލައިފް ސްޓައިލް ކަމުނުގޮސްގެން އެކަމާ ވެވުނު ޒުވާބެއްގައި ރުޅިއައިސްގެން ކަމަށް ބެންގަލޫރުގެ ފުލުހުން ވަނީ ހާމަކޮށްފައެވެ.

އުމުރުން 27 އަހަރުގެ ގުރުރާޖާއި 25 އަހަރުގެ ތާނިޔާ މަސައްކަތް ކުރަމުން ގެންދިޔައީ އެއް އޮފީހެއްގައި ކަމަށާއި އޮފީސް ނިމިގެން ކާރުގައި ގެއަށް ދިޔަ މަގުމަތީގައި ގުރުރާޖު، ތާނިޔާގެ އުޅުން އިސްލާހު ކުރުމަށް ވާހަކަ ދެއްކުމުން ތާނިޔާ ރުޅިއައިސްގެން ގުރުރާޖުގެ މޫނުމަތީގައި ޖެހިކަމަށް ދި ހިންދޫގައި ފުލުހުންނާ ހަވާލާދީ ބުނެފައިވެއެވެ. އަދި ގުރުރާޖު ރުޅިއައިސްގެން ތާނިޔާގެ ކަރުގައި ހިފައި ނޭވާ ހާސްކޮށް އޭނާއަށް ހަމަލަދީ މަރާލީ ކަމަށް ރިޕޯޓުގައި ވެއެވެ.

http://www.daijiworld.com/news/newsDisplay.aspx?newsID=24501

ތާނިޔާ މަރާލުމަށް ފަހު އޭނާވަނީ ތާނިޔާގެ ހަށިގަނޑު ޝިރާދީ ހަޓްސް ކިޔާ ސަރަހައްދަކަށް އެއްލާލާފައެވެ. އަދި ތާނިޔާގެ ފޯނު ނަގައި އޭނާގެ 2 ރައްޓެއްސަކަށް މިދަނީ ކަލްކަތާއަށް ކަމަށް ބުނެ މެސެޖް ކުރި ކަމަށް ވެސް ގުރުރާޖު ވަނީ ބުނެފައެވެ.

ތާނިޔާ މަރާލި ކަމުގެ ކުށުގައި ގުރުރާޖު ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ތަހުގީގުގައި ތާނިޔާ އެންމެ ފަހުން ފެނިފައިވަނީ ގުރުރާޖާ އެކީގައި ކަމަށް އޭނާގެ ރަހުމަތްތެރިން ދިން ބަޔާނާއެކު ފުލުހުން ކުރި ތަހުގީގުތަކުންނެވެ. އޭގެ ފަހުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގުރުރާޖު ގެންދިއުމުން ވަނީ އޭނާ ކުރި ކުށަށް އިއުތިރާފުވެ ތާނިޔާ މަރާލި ގޮތް ފުލުހުންނަށް ކިޔައިދީފައި ކަމަށް އިންޑިއާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައި ވެއެވެ.

މީހަކު މަރާލުން ފަދަ ބޮޑު ކްރައިމެއް ކޮށްފައިވާ މި މީހާ ފުލުހުންގެ ބެލުމުގެ ދަށުން ސަލާމަތް ވި ގޮތެއް އަދި ނަން ބަދަލު ކުރަން ޖެހުނު ސަބަބެއް ނޭނގެއެވެ..

މައުލޫމާތު ލިބިފައިވާ ގޮތުގައި 2001 ވަނަ އަހަރު ގުރުރާޖު ވަނީ ކިޝޯރު ކުމާރު ގުރުރާޖުގެ ނަމުގައި މައިސޫރުގެ ބީޖީއެސް އެޕޯލޯ ހޮސްޕިޓަލުގައި ސީނިއަރ ލެބް ޓެކްނީޝިއަން އަކަށް މަސައްކަތް ކޮށްފައެވެ. އޭނާ ރާއްޖޭގައި މަސައްކަތް ކުރުމަށް ހުށަހެޅި ލިޔުން ތަކުގައި ވެސް ބާސްކަރު ސްރިވަސްތާގެ އިތުރުން ކުރީގެ ނަމެއްގެ ގޮތުގައި ޖީ. ކިޝޯރު ކުމާރުގެ ނަން ދީފައިވާ ކަމަށް އޭއޯ އަށް ވަނީ މައުލޫމާތު ލިބިފައެވެ..

ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސިން މަސައްކަތް ކުރަމުން ގެންދާއިރު އެމީހުންނާ ގުޅޭ ލިޔެކިޔުންތަކާއެކު ޕޮލިސް ރިޕޯޓު ހުށަހަޅަން ޖެހޭ ގަވައިދެއް ނޯވެއެވެ. ނަމަވެސް ދިވެހިން ވަޒީފާއަކަށް އެދި ހުށަހަޅާނަމަ ޕޮލިސް ރިޕޯޓު ހުށަހަޅަން ޖެހެއެވެ. މިއީ ހުރިހާ މުވައްސަސާ ތަކުން ވެސް އެކަމަކާ މެދު ވިސްނާލުން މުހިއްމު ކަމެއް ކަން ޔަގީނެވެ. ވަޒީފާއަށް އެދި ބިދޭސިން ނަގާއިރު އޮންނަ އުސޫލުގެ ދަށުން ނަގާ ބިދޭސި މީހާއަކީ ކުށުގެ ވެށިން ސަލާމަތް ވެފައިވާ ސާފު މީހެއްތޯ ބެލޭނެ އިތުރު ގޮތެއް އޮންނަން އެބަޖެހެއެވެ. ރާއްޖޭގައި ބިދޭސިން ގިނަވެ ބިދޭސީންގެ ސަބަބުން މުޖުތަމައު ހަލާކުގެ ތެރެއަށް ވެއްޓި ކުށުގެ ވެއްޓަކަށް ރާއްޖޭގެ ވެށި ބަދަލުވަމުން ދިއުމުގައި މިފަދަ ކިތަންމެ ބިދޭސިއެއްގެ ދައުރު ހިމެނޭނެ ކަން ޔަގީނެވެ.

 

 

2 ކޮމެންޓް
Aneesa
އޭޕްރީލް 4, 2018
Theegenves ingenee eyru hingan thibee amsi menge faruvakidakan.
އަލީ މާހިރު
އޭޕްރީލް 3, 2018
ވަރަށް އިނޮސަންޓް ވައްތަރު ޖަހަނީ. ހީއެއް ނުވޭ ތިކަހަލަ ކަމެއް ކުރިހެން