English Edition
Dhivehi Edition

ލިޔުނީ މުޙައްމަދު ހިޒްޔަމް/ ސ.އަތޮޅު މަދުރަސާ

ސ.އަތޮޅު މަދަރުސާގެ ކެޕްޓަނަކަށް އެ ސްކޫލުގެ ގްރޭޑް 10ބީގެ ދަރިވަރު މައިޝާ މުސްތަފާ ހޮވައިފި އެވެ.

އިއްޔެ ހެނދުނު 8:30 ގައި ސ.އަތޮޅު މަދަރުސާގެ ހޯލުގައި ބޭއްވި ދަރިވަރުންނާއި މަގާމު ހަވާލުކުރުމުގެ ރަސްމިއްޔާތުގައި މަދަރުސާގެ ކުލަބުތަކާއި ހައުސްތަކުގެ އިސްމަޤާމްތަކަށް ހޮވުނު ދަރިވަރުންނަށާއި ޕްރިފެކްޓް އަދި ސީނިއަރ ޕްރިފެކްޓުންގެ މަޤާމަށް ހޮވުނު ދަރިވަރުންނަށް ވެސް ވަނީ މަގާމު ހަވާލުކޮށްފައެވެ. ޕްރިފެކްޓް ބޯޑްގެ ދަރިވަރުންގެ ހުވައި ލައި ދެއްވާފައިވަނީ ސ.އަތޮޅު މަދަރުސާގެ އިސްލާމް ޑިޕާރޓްމެންގެ ހެޑް، އަލީ އަންވަރު ސާރ އެވެ. މިއަހަރުގެ އަތޮޅު މަދުރަސާގެ ޑެޕިއުޓީ ކެޕްޓަނަކަށް ހޮވިފައިވަނީ ގްރޭޑް 12ގެ ދަރިވަރެއް ކަމަށްވާ މަރިޔަމް ސަޖާޔާ އެވެ. އަދި އެކްޓިވިޓީސް ކެޕްޓަނަކަށް ހޮވިފައިވަނީ ގްރޭޑް 12ގެ ދަރިވަރެއް ކަމަށްވާ އާމިނަތު ޒުހާ އެވެ.

މިރަސްމިއްޔާތުގެ ޝަރަފުވެރި މެޙުމާނާއަކީ އެ ސްކޫލުގެ 2013ވަނަ އަހަރުގެ ކެޕްޓަން ޒަހުވާ ޒަރީރެވެ. ޝަރަފުވެރިމެހުމާނާ ދެއްކެވި ވާހަކަފުޅުގައިވަނީ އެކަކު އަނެކަކަށް އޯގާތެރިވުމަށް ނަޞޭހަތްތެރި ވެފައެވެ. އަދި މަޤާމްތައް ލިބުނު އެންމެހައި ދަރިވަރުންނަށް، ޚާއްޞަކޮށް ސްކޫލް ކެޕްޓަނުންނަށް މަރުޙަބާ ދަންނަވާފައެވެ.

އިއްޔެގެ ޖަލްސާގައި އިތުރަށް ވާހަކަދައްކަވަމުން ސްކޫލްގެ ޕްރިންސިޕަލް އާމިނަތު ޒީނިޔާ ވަނީ މަޤާމްތަކަށް އައްޔަން ކުރެވިފައިވާ ދަރިވަރުންނަށް އެ މަޤާމްތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފައި، ޙަވާލުކުރެވޭ މަސްޢޫލިއްޔަތުތައް އަދާކުރުމަށް ނަޞޭހަތްތެރި ވެފައެވެ.

ޖަލްސާއަށްފަހު ސްކޫލް މީޑިއާ އާއި ވާހަކަ ދައްކަމުން ސްކޫލްގެ މިއަހަރުގެ ކެޕްޓަން، މައިޝާ މުސްތަފާ ބުނީ މި މަޤާމަށް ކުރިމަތިލީ އޭނަ އަކީ އަބަދުވެސް ކަންކަމުގައި އިސްނަގާ ދަރިވަރަކަށް ވާތީ ކަމަށެވެ.

” ސްކޫލް ކެޕްޓަންކަމަށް ކުރިމަތި ލީ އަޅުގަނޑަކީ އަބަދުވެސް ކަންކަމުގައި އިސްނަގައި އުޅެން ބޭނުންވާ ދަރިވަރަކަށް ވެފައި އިރާދަ ކުރެއްވިއްޔާމު މި މަޤާމް ފުރިހަމައަށް އަދާކުރެވޭނެކަމުގެ ޔަޤީން ކަން އޮތުމުން ” މައިޝާ ބުންޏެވެ.

އިތުރަށް ވާހަކަދައްކަވަމުން މައިޝާ ބުނީ މި މަޤާމް ލިބުން ވަރަށް އުފާވިކަމަށެވެ. އަދި ސ.އަތޮޅު މަދަރުސާއަކީ މިހާރަށްވުރެ މޮޅު އަދި މުޅި ރާއްޖޭގައިވެސް ނަންވިދާ ފަދަ ސްކޫލަކަށް ހެދުމަކީ މައިޝާގެ އެއް އަމާޒުކަމަށެވެ.

ސ.އަތޮޅު މަދަރުސާގެ މިދިޔަ އަހަރުގެ ކެޕްޓަނަކީ ފާޠިމަތު ނަދާ އެވެ. ނަދާ ވަނީ 2015 ވަނަ އަހަރުވެސް ސްކޫލް ކެޕްޓަންކަން ކުރައްވާފައެވެ.