English Edition
Dhivehi Edition

އައްޑޫސިޓީ ހުޅުދޫ ސްކޫލް ގްރޭޑް 4 އަދި 5 ގެ ދަރިވަރުން ގަމުގައި ހުންނަ މެޓްއޮފީހަށް ތަޖުރިބާ ދަތުރެއް ކޮށްފިއެވެ. މި ދަތުރުކުރީ ޖުލައި 10 ވަނަ ދުވަހުއެވެ. އެދަތުރުގައި ޖުމްލަ 44 ދަރިވަރުން ބައިވެރިވެފައިވެއެވެ. ދަރިވަރުންނާއެކު ސްކޫލުގެ ބައެއް ޓީޗަރުންނާއި ބެލެނި ވެރިން ވަނީ ބައިވެރި ވެފައެވެ. ދަތުރުގެ ބޭނުމަކީ ދަރިވަރުންނަށް މޫސުމާބެހޭ މައުލުމާތު ހޯދައިދީ، މުސުން ބެލުމަށް ބޭނުންކުރާ އާލާތްތައް ދައްކައިދީ، އެއިން ކުރާ ބޭނުންތައް ބުނެދިނުމެވެ. ދަތުރުގައި ބައިވެރިވި ދަރިވަރުން ބުނެފައިވަނީ މޫސުން ލަފާކުރާގޮތާއި، ވާރޭވެހޭ މިންވަރު ބަލާނެ ގޮތާއި، ވައިޖެހޭ މިންވަރު ބަލާނެގޮތާ ބެހޭ ގޮތުން މައުލޫމާތު ލިބުނު ކަމަށެވެ. އޭގެ އިތުރަށް ވައިގެ ފިނި ހޫނުމިން ބަލާނެގޮތްވެސް އެގިގެން ދިޔަ ކަމަށް އެކުދިން ބުންޏެވެ. ދަތުރުގައި ބައިވެރިވި ބެލެނިވެރިއަކު ބުނި ގޮތުގައި މިކަހަލަ ފައިދާހުރި ދަތުރުތަކުން ދަރިވަރުންގެ މައުލޫމާތު މުއްސަނދިވެ އުނގެނުމަށް މަގުފަހިވުމުން ވަރަށް އުފާކުރާ ކަމަށެވެ. އެ ދަތުރަކީ ސްކޫލުގެ މެނޭޖުމެންޓާއި، ޓީޗަރުންނާއި ބެލެނިވެރިން ވަރަށްބޮޑު އެއްބާރުލުމަކާއެކު ކުރި ދަތުރެކެވެ. ހުޅުދޫއިން ގަމަށް ދަތުރު ކޮށްދިނީ އާޝާން ދޯންޏެވެ. އެކަމަށްޓަކައި އެދޯނީގެ ވެރިޔާ އަލީ ސައީދާއި، ފަޅުވެރިންނަށް ސްކޫލާއި ބެލެނިވެރިންގެ ފަރާތުން ޚާއްސަ ޝުކުރެއް ދެންނެވިއެވެ. އޭގެ އިތުރަށް މެޓް އޮފީހުން ލިބުނު އެއްބާރު ލެއްވުމަށްޓަކައި އެތަނުގެ ވެރިންނާއި އެންމެހާ މުވައްޒަފުންނަށްވެސް ޝުކުރު ދެންނެވިއެވެ. …………. ލިޔުނީ: ޒީނިޔާ އަބުދުއްﷲ ދީދީ