English Edition
Dhivehi Edition

މޯލްޑިވްސް މަނިޓަރި އޮތޯރިޓީ (އެމްއެމްއޭ) އިން އަލަށް ޖަހައިގެން ގެނައި ދެރުފިޔާގެ އައު ދަގަނޑު ފައިސާ ފޮތި ތައާރަފުކޮށް ބާޒާރަށް ނެރެފި އެވެ.އެމްއެމްއޭގައި މިއަދު ބޭއްވު ހަފްލާގައި ދެރުފިޔާގެ އައު ފައިސާ ފޮތި ތައާރަފުކޮށްދެއްވީ އެމްއެމްއޭގެ ގަވަރުނަރު ޑރ. އަޒީމާ އާދަމެވެ. އަލަށް ނެރުނު ދެ ރުފިޔާގެ ފައިސާފޮތީގެ ބޭރުގައި ބޭނުންކޮށްފައިވަނީ ނިކަލް ބްރާސްގެ މައުދަނެވެ.އަދި އެތެރޭގައި ބޭނުންކޮށްފައި ވަނީ ނިކަލް ޕްލޭޓެޑް ސްޓީލެވެ. ކައިރިފަށް އޮމާނންކޮށް ފަރުމާކޮށްފައިވާ މި ފައިސާ ފޮތީގެ ބަރުދަނުގައި 6.20 ގްރާމް ހުންނަ އިރު ފައިސާ ފޮތީގެ ވަށައިގެން 25.50 މިލިމީޓަރު ހުރެއެވެ. މިއަދުން ފެށިގެން ވިޔަފާރީގެ އެކިއެކި މުއާމަލާތުގައި ދެ ރުފިޔާގެ އާ ފައިސާ ފޮތި ބޭނުންކުރެވޭނެ ކަމަށް އެމްއެމްއޭ އިން ވަނީ ބުނެފައެވެ. މިއަދު ދެ ރުފިޔާގެ އާ ފައިސާ ފޮތި ނެރުނު ނަމަވެސް ކުރީގެ ދެރުފިޔާގެ ފައިސާފޮތިވެސް ބޭނުންކުރަމުން ދާނެ ކަމަށް އެމްއެމްއޭ އިން ވަނީ ބުނެފައެވެ. އަދި ކުރީގެ ފައިސާފޮތި ބަދަލުކުރުމަށް އެތަކެތި އެމްއެމްއޭއާ ހަމައަށް ކޮންމެހެން ގެންނާކަށް ނުޖެހޭނެ ކަމަށް އެމްއެމްއޭ އިން ވަނީ ބުނެފައެވެ. “ރަން ދިހަ ފަހެއް” ނޫޓު ސީރީޒްގެ ތެރެއިން ނެރޭ ފަސް ރުފިޔާގެ އާ ނޫޓުވެސް އެމްއެމްއޭއިން ވަރަށް އަވަހަށް ނެރުމަށްވަނީ ހަމަޖެހިފައެވެ