English Edition
Dhivehi Edition

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ 2024ގެ ‘ސްޕޯޓްސްވުމަން އޮފް ދި އިޔަރ- ގޯލްޑް’ ޓޭބަލް ޓެނިސްގެ ޒުވާން ތަރި ކަމަށްވާ ފާތިމަތު ދީމާއަށް ދީފިއެވެ.

ރާއްޖޭގެ ކުޅިވަރު އެތުލީޓުން ކުރަމުން އަންނަ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ކުޅިވަރު ވުޒާރާއިން ދެމުން އަންނަ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2024 ރޭ ސޯޝަލް ސެންޓަރުގައި ބޭއްވިއިރު މި ހަފުލާގައި މި އެވޯޑް ދީމާއާއި ހަވާލުކޮށްދެއްވީ ވަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒެވެ.

މި ޙަފްލާގައި މިއަހަރުގެ އެންމެ މޮޅު އަންހެން އެތުލީޓަކަށް ވެސް ހޮވިފައިވަނީ ދީމާ އެވެ. މިއީ އެ އެވޯޑް އޭނާ ހާސިލްކުރި ދެވަނަ އަހަރެވެ. ދީމާ ވަނީ އަހަރުގެ އެންމެ މޮޅު ޓޭބަލް ޓެނިސް ކުޅުންތެރިޔާގެ އެވޯޑުވެސް ހާސިލްކޮށްފައެވެ. އަދި އަހަރުގެ އެންމެ ޒުވާން އަންހެން އެތުލީޓުގެ މަގާމުވެސް އޭނާ ވަނީ ހާސިލްކޮށްފައެވެ. މިއީ އެންމެ މޮޅު ޒުވާން އެތުލީޓްގެ އެވޯޑް އޭނާ ވިދިވިދިގެން ހޯދި ތިންވަނަ ފަހަރެވެ.

ދީމާ ވަނީ، މިދިޔަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެ އަށް ކާމިޔާބު ހޯދައި ދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ. މީގެ އިތުރުން އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ދީމާ ވަނީ ތިން ރަން މެޑަލް ރާއްޖެ އަށް ހޯދައި ދިނުމުގައި ހިއްސާ ވެފަ އެވެ.

އޮލިމްޕިކްސްއަށް ކޮލިފައިވި ފުރަތަމަ ދިވެހި އެތުލީޓުގެ ޝަރަފް ހޯދާފައިވަނީ ވެސް ދީމާއެވެ.

މީގެ އިތުރުން ދީމާވަނީ ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ހޯދާފައެވެ.