މިމަހުގެ 16 ވަނަ ދުވަހު ހައްޔަރުކުރެވި ކުޑަގޮޅީގައި 13 ދުވަހު އޮންނެވުމަށްފަހު ދޫކޮށްލުމުން ފުރަތަމަ ފަހަރަށް ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ޖަލުގެ ހާލަތުވެސް ވަރަށް ގޯސް ކަމުގައެވެ.
އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވާހަކަ ދެއްކެވީ އިދިކޮޅު ކޯލިޝަނުން ކުނޫޒްގައި ބޭއްވި ޖަލްސާގައެވެ.
“ޖަލަށް ލުމުން އިހްސާސް ކުރެވުނީ އިސްލާހަށްޓަކައި ކުރަމުންދާ މަސައްކަތް އިތުރަށް މުހިއްމު ވެއްޖެކަން، ރައީސް ޔާމީން ވެރިކަމުން ދުރުކުރުން ނިންމަން ވެއްޖެކަން” ރޭގެ ޖަލްސާގައި އިބޫ ވިދާޅުވިއެވެ. ޖަލުގެ ހާލަތު ސިފަކުރަމުން އިބޫ އިތުރަށް ވިދާޅުވީ ހަތް ފޫޓް އަށް ފޫޓުގެ ގޮޅިއަކަށް އޭނާ ލައި ތަޅުލީ މުޖުތަމައަށް ނުރައްކާތެރި މީހެއްގެ ގޮތުގައި ސިފަ ކުރުމަށް ފަހު ކަމަށެވެ.”ތޭރިތަކުގެ ތެރެއިން އަޅުގަނޑުގެ ގޮޅިއަށް ވަންނަމުން ގެންދިޔަ ކަނު އަނދިރިން އަޅުގަނޑަށް އިތުރު އުންމީދުތަކާއި ހިތްވަރުއެރޭ ލިބިގެން ދިޔަ” އިބޫ ވިދާޅުވިއެވެ.
އިބޫ ވިދާޅުވީ ދޫނިދޫންވެސް ގިނަ ފުލުހުންނާއި ބައްދަލުވި ކަމަށާއި އޭގެ ތެރެއިން ގިނަ ފުލުންވެސް ތިބީ މިސަރުކާރު ނިމުމަކަށް އައުމަށް އެދިއެދި ކަމުގައެވެ.
ޖަލަށް ލުމުން ޖަލުގައި ތިއްބެވި ލީޑަރުންގެ ފަރާތުން ލިބިވަޑައިގެންނެވީ އާހިތްވަރެއް ކަމަށާއި ކުރަމުން އައި މަސައްކަތް ކުރިއަށް ގެންގޮސް ރައީސް ޔާމީން ވެރިކަމުން ދުރުކުރަން ޖެހޭކަމަށް އިބޫ ވިދާޅުވިއެވެ.
ރައީސް ޔާމީން ވެރިކަމުގައި ހުރެގެން ޤައުމު ދެން އިސްލާހު ނުކުރެވޭނެ ކަމަށާއި މިއަދުވެސް މާދަމާވެސް ކުރަންވީ ކަމަކީ ރައީސް ޔާމީންވެރިކަމުން ދުރުކުރުމުގެ މަސައްކަތް ކަމަށް އިބޫ ވިދާޅުވިއެވެ.
އިދިކޮޅު ޕާޓީތަކުގެ މުޒާހަރާއެއްގައި، ޖުމްހޫރީ މައިދާނަށް ވަދެވަޑައިގަތުމުން ހައްޔަރުކޮށް 13 ދުވަހު ޖަލުގައި ބަންދުކުރުމަށް ފަހު އިބޫ ދޫކޮށްލީ މިދިޔަ ބުދަ ދުވަހެވެ.