ބައިނަލް އަގްވާމީ ރަހްމަތްތެރި ކަމުގެ މެޗުގައި ރޭ އެންމެ ފަހުގެ ޔޫރަޕްގެ ޗެމްޕިއަން ޕޯޗުގަލްގެ މައްޗަށް ނެދަލޭންޑްސްއިން ފަސޭހަ މޮޅެއް ހޯދައިފިއެވެ.
ފަހަކަށް އައިސް ދައްނަތީޖާ ތަކެއް ނެރޭ ނެދަލޭންޑްސްއިން އާއި ޕޯޗުގަލް ބައްދަލު ކުރި މެޗު ނެދަލޭންޑްސް އިން ކާމިޔާބުކޮށްފައިވަނީ 3-0 ލަނޑުންނެވެ.
ރޭގެ މެޗުގައި ނެދަލޭންޑްސްއިން ކާމިޔާބު ކުރި ތިން ލަނޑުވެސް ކާމިޔާބުކޮށްފައިވަނީ މެޗުގެ ފުރަތަމަ ހާފްގައެވެ. ރޭގެ ފުރަތަމަ ލަނޑު މެޗުގެ 11 ވަނަ މިނެޓްގައި މެމްފިސް ޑެޕާއި ކާމިޔާބުކޮށްދިން އިރު ނެދަލޭންޑްސްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީފައިވަނީ މެޗުގެ 32 ވަނަ މިނެޓްގައި ރަޔަން ބަބެލްއެވެ. އަދި ނެދަލޭންޑްސްގެ ތިންވަނަ ލަނޑު ކާމިޔާބު ކޮށްދީފައިވަނީ ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ތެރޭގައި ވެންޑައިކް އެވެ.
ޕޯޗުގަލް އިން ދެވަނަ ހާފްގައި ކުޅުން ރަނގަޅު ކުރިއިރު އެޓީމަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ ނެދަލޭންޑްސެގެ ކުޅުންތެރިއަކަށް ކުރިފައުލަކާއި ގުޅިގެން މެޗުގެ 61 ވަނަ މިނެޓްގައި ކަންސެލޯ އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދެއްކުމުންނެވެ.
ރޭގެ މި ނަތީޖާ އާއި އެކު ގައުމީ ޓީމުގައި އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑު ޖެހުމުގެ ސިލްސިލާ އަށް ނިމުމެއް އައިސްފި އެވެ. ރޮނާލްޑޯ ވަނީ އެންމެ ފަހުން ކުޅުނު ނުވަ މެޗުގައި ވެސް ލަނޑު ޖަހައިފަ އެވެ.
މިއީ ނެދަލެންޑްސް ކޯޗުކަމާ ރޮނާލްޑް ކޫމަން ހަވާލުވި ފަހުން އެ ޓީމު ހޯދި ފުރަތަމަ މޮޅެވެ. ކޫމަންގެ އިރުޝާދުގެ ދަށުން ނެދަލެންޑްސް ކުޅުނު ފުރަތަމަ މެޗުން މިދިޔަ ހަފްތާގައި ވަނީ އިންގްލެންޑް އަތުން 1-0 އިން ބަލިވެފަ އެވެ.