English Edition
Dhivehi Edition

ގަވާއިދާ ޚިލާފަށް ގޮނޑުދޮށްތަކުން ވެލިނަގާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ދީފިއެވެ.

އީޕީއޭއިން ނެރުނު ނޫސްބަޔާނެއްގައި ވަނީ ގޮނޑުދޮށްތަކުން ގިނަ އަދަދަކަށް ވެލި ނެގުމުން ރަށް ގިރުން ފަދަ ބޮޑެތި ގެއްލުން ތިމާވެއްޓަށް ލިބެމުންދާކަމަށާއި މިފަދަ އަމަލު ހިންގާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.

ގަވާއިދާ ހިލާފަށް ވެލި ނަގާ ފަރާތްތަކާ މެދު ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން އެފަދަ އަމަލުތައް ކުރާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާ ޖޫރިމާނާ ކުރާނެކަމަށްވެސް މި ބަޔާނުގައިވެއެވެ.

ކުއްޔަށް ދޫކުރާ ރަށްތަކާއި ފަޅުރަށްތަކާއި ފިނޮޅުތަކުގެ އިތުރުން އާންމުން ދިރިއުޅޭ ރަށްރަށުގެ ގޮނޑުދޮށްތަކުންވެސް ގިނަ އަދަދަކަށް ވެލި ނަގަމުންދާކަމުގެ ޝަކުވާތައް ލިބެމުންދާކަމަށް އީޕީއޭއިން ބުނެއެވެ.

ވެލި ނެގުމަށް ހުއްދަ ދެވިފައިވާ ރަށްރަށުގެ މައުލޫމާތު ރަށު ކައުންސިލްތަކުން ލިބެން ހުންނާނެކަމަށާއި އެކިއެކި ބޭނުންތަކަށް ވެލި ބޭނުންވާ ފަރާތްތަކުން އެ ރަށްރަށުން ވެލި ނަގަމުން ގެންދިޔުމަށްވެސް އީޕީއޭގެ ބަޔާނުގައި އިލްތިމާސްކޮށްފައިވެއެވެ.