ތަރައްޤީގެ ކަންކަމުގައި ގޮނޑުދ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް ފައިސަލް ނަސީމް މިހެން ވިދާޅުވީ ފުވައްމުލަކު ސިޓީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތްފެށުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ފުވައްމުލަކު ޙާފިޒު އަޙްމަދު ސްކޫލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވީ ސަރުކާރުން ތަރައްޤީގެ ކަންކަން މުޅިރާއްޖޭގައި ބާރަށް ކުރިޔަށްގެންދަވާކަމަށާއި ރާއްޖޭގެ އެންމެ އުތުރުން ފެށިގެން ދެކުނުގެ ރަށްތަކުގައި ތަރައްޤީގެ އެންމެ މަޝްރޫއެއް ނަމަވެސް ނުހިންގާ ރަށެއް ނެތްކަމަށެވެ. ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށް، ރައްޔިތުންނަށް ވީ ވަޢުދުތައް ކުޑަރަށެއް ބޮޑުރަށެއް ތަފާތުކުރުމެއްނެތި ފުއްދަވަމުން ގެންދަވާކަން ނައިބު ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ފުވައްމުލައް ސިޓީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަށް އަލިއަޅުއްވާލައްވަމުން ނައިބު ރައީސް ވިދާޅުވީ މިއީ ޒަމާނުއްސުރެ ފުވައްމުލަކު ސިޓީގެ ރައްޔިތުން އިންތިޒާރުކުރަމުން އައި މަޝްރޫޢެއް ކަމަށެވެ. މިގޮތުން މިއަދު ޢަމަލީ މަސައްކަތް ފެށިގެން ދިޔަ މި މަޝްރޫޢަކީ މީގެ 10 ވަރަކަށް އަހަރު ކުރިން ފެށިގެން ފެށުމަށް މަސައްކަތްކުރަމުންދިޔަ މަޝްރޫއެއްކަމަށް ނައިބު ރައީސް ވަނީ ވިދާޅުވެފައެވެެ.
މީގެ އިތުރުން ނައިބު ރައީސް ވަނީ ސަރުކާރުން ފުވައްމުލަކު ސިޓީގެ ތަރައްޤީއަށް މިހާރުވެސް ގިނަ މަޝްރޫޢުތަކެއް ކުރިޔަށްގެންދަވާ ކަން ފާހަގަކުރައްވައި އޭގެ ތެރެއިން ބައެއް މަޝްރޫއުތަކަށް އަލިއަޅުވާލައްވާފައެވެ.