މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަދި އަބްދުﷲ ޝިނާން ޕީޕީއެމުން ވަކިވެއްޖެ އެވެ.ފަސްޓް ލޭޑީ ފާތުމަތު އިބްރާހީމްގެ އަރިހުގައި ސިޔާސީ މަސައްކަތްތަކުގައި އެންމެ އިސްކޮށް އުޅުއްވި ޝިނާން ޕާޓީއިން އިސްތިއުފާ ދެއްވި ކަމުގެ ސިޓީ ވަނީ އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީގެ ސެކްރެޓަރީ ޖެނެރަލަށް މިއަދު ފޮނުއްވައިފައެވެ. ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ޕީޕީއެމް އިން ސޮއި ކުރެއްވި 10 މެންބަރުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވަ ޝިނާނު ވިދާޅުވީ، ޕާޓީއިން ވަކިވީ މިވަގުތު އެއްވެސް ޕާޓީއެއްގައި ހުންނަވައިގެން ހިދުމަތް ކުރެއްވުމަށް ބޭނުންފުޅުވެ ވަޑައި ނުގަންނަވާތީ ކަމުގައެވެ. މިއަދު ޝިނާން ޕާޓީއިން ވަކިވެ ވަޑައިގެންނެވިއިރު ޕާޕީއެމް އަށް ނިސްބަތްވެ ވަޑައިގަންނަވާ ގިނަ މަޖިލީސް މެމްބަރުން ތަކެއް ވަނީ އެ ޕާޓީއިން ވަކިވެ ވަޑައިގެންފައެވެ. އެއީ ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު އަދި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ އެވެ. މި ހަތަރު ބޭފުޅުންގެ ތެރެއިން ޝިނާނާއި އިލްހާމާއި ޝަހުދީ މި ދުވަސްކޮޅު އުޅުއްވަނީ ރާއްޖެ އިން ބޭރުގަ އެވެ.