ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދެކެ އަންނަ ރުޅީގައި އެމަނިކުފާނުގެ ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމަށް އަނިޔާދެމުންދިއުމުން ރައީސް ޔާމީނަކީ އިންސާނިއްޔަތުކަމެއް ނެތް މީހެއްކަން ޔަގީންވާކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ސިޔާދު ގާސިމް މިނިވަންކުރުމަށް ގޮވާލާ ރޮޒައިނާ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ގާސިމް އިބްރާހިމް ދެކެ އަންނަ ރުޅީގައި އެމަނިކުފާނުގެ ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމަށް އަނިޔާދެމުންދިއުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއްކަމަށެވެ.
އަދި މިފަދަ ކަންކަމުން ރައީސް ޔާމީނަކީ އިންސާނިއްޔަތުކަމެއް ނެތް މީހެއްކަން ޔަގީންވާކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާ އާދަމް ވަނީ އެކަމަނާ ކުރެއްވި ޓްވީޓްގައި ރައީސް ޔާމީންގެ ބޭފުޅަކަށް މިފަދަ ދުވަހެއް އަންނަން ބޭނުންވޭތޯވެސް ސުވާލު ކުރައްވާފައެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްގެ ދޮށީ ފިރިހެން ދަރިކަލުން އިބްރާހިމް ސިޔާދު ހައްޔަރު ކޮށްފައިވަނީ، ވިލާ ހައުސް ހުންނަ އިމާރާތް ބަލައި ފާސްކުރުމަށްފަހު 6 ފެބްރުއަރީގައެވެ.
މިދިޔަ ބުދަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ސިޔާދުގެ މައްޗަށް ތުހުމަތުކޮށްފައިވާ ރިޝްވަތު ދިނުމުގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށްވެސް އަމުރުކޮށްފައެވެ.
ސިޔާދަކީ ސިޔާސީ ހަރަކާތްތަކުގައި އެއްވެސް ވަރަކަށް އުޅުއްވާ ބޭފުޅެއް ނޫނެވެ. އަދި ސޯޝަލް މީޑިއާގައިވެސް ސިޔާސީ ކަންކަމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާ ބޭފުޅެއް ނޫނެވެ.
ގިނަ ބަޔަކު ގެންދަނީ އެއްވެސް ކުށެއްނެތި ސިޔާދު ހައްޔަރުކޮށްގެން ގެންގުޅެނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އިސްލާހީ މަސައްކަތަށް ސަރުކާރުން ހުރަސްއެޅުމުގެ ގޮތުންކަމަށް ބުނަމުންނެވެ.
ފުލުހުން ތަހްގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކަމަށްބުނެ ހައްޔަރުކުރި ވިލާ ގުރޫޕްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ސިޔާދު ގާސިމް ދޫނިދޫ ޖަލަށް ގެންގޮސްފައިވަނީ 7 ފެބުރުއަރީގައެވެ.