English Edition
Dhivehi Edition

ތުނޑުކުނާ ވިޔަން ދަސްކޮށްދޭ ކޯހެއް ފުވައްމުލަކުގައި އިއްޔެ ފަށައިފިއެވެ. މި ކޯސް ފަށްޓަވައި ދެއްވީ އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނައީމެވެ. އިއްޔެ ހަވީރު ފުވައްމުލަކުގައި ބޭއްވި ރަސްމިއްޔާތެއްގައި ކޯސް ފަށްޓަވައި ދެއްވުމަށްފަހު ނައީމް ވިދާޅުވީ އެއީ އާމްދަނީ ލިބޭނެ ވަސީލަތެއް އެރަށުގެ މީހުންނަށް ހޯދައި ދިނުމުގެ މަގުސަދުގައި ކުލައިމެޓް ޗޭންޖު އެޑަޕްޓޭޝަން ޕްރޮޖެކްޓް (ސީކެޕް) އިން ކުރިއަށްގެންދާ ކޯހެއް ކަމަށެވެ. މި ކޯހަށް ފަންޑުކޮށްދެނީ ޔޫރަޕިއަން ޔޫނިއަނުންނެވެ. މޭނޭޖު ކުރަނީ ވޯލްޑު ބޭންކުންނެވެ. ސީކެޕުން އެކޯސް ކުރިއަށް ގެންދަނީ މޯލްޑިވްސް އޮތެންޓިކް ކްރާފްޓްސް ކޯޕަރޭޓިވް ސޮސައިޓީ (މެކްސް) އާ ހަވާލުކޮށްގެނެވެ. ކޯހުގައި ކިޔަވައި ދެއްވަނީ ތުނޑުކުނާ ވިޔުމަށް ރާއްޖެއަށް މަޝްހޫރު ގދ. ގައްދޫގެ ދެ މުދައްބިރުންނެވެ. މި އީ އެއްމަސްދުވަހުގެ ކޯހެކެވެ. ތުނޑުކުނާއަކީ ކުޅި، ފާ، ޗަސްބިން ފަދަ ތަންތާގައި ހެދޭ އެއްޗެކެވެ. ކުނާ ވިޔުމަށް ބޭނުންވާ ހައި ފުވައްމުލަކު ސިޓީން ލިބެން އެބަހުއްޓެވެ. އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް ނައީމް ވިދާޅުވީ ފުވައްމުލަކުގައި ހައި އާލާކޮށް ދިރުވޭނެ ކަމަށް ކަމުގެ ތަޖުރިބާކާރުން ވިދާޅުވެފައިވާ ކަމަށެވެ. ހުކުރުދުވަސް ފިޔަވައި ހަފްތާގެ އެހެން ހުރިހާ ދުވަހެއްގައި ކޯސް ކުރިއަށް ގެންދާނެއެވެ. ކޯސް ކުރިއަށްދަނީ ފުވައްމުލަކު ސިޓީ އިޖުތިމާއީ މަރުކަޒުގެ ހޯލުގައެވެ. ސީކެޕުން ކުރާ މަސައްކަތްތަކުގެ ތެރޭގައި ކުޅިތަކާއި، ފާ ތަކާއި ، ޗަސްބިން ބެލެހެއްޓުމާއި ކުނި ނައްތާލުން ނުވަތަ މެނޭޖުކުރުމާއި ފަރުތައް އަނަން ބަދަލުތައް ދިރާސާ ކުރުން ހިމެނެއެވެ. ތުނޑުކުނާ ވިޔުމުގެ ކޯހަކީ ދެމެހެއްޓެނިވި ގޮތުގައި ކުޅި، ފާ ޗަސްބިން މެނޭޖްކުގުމުގެ ތެރެއިން އާމްދަނީ ހޯދައިދިނުމަށް ހިންގާ ކޯހެކެއެވެ. މި ކޯހުގެ ބައިވެރިން އުފައްދާ ކުނާތައް ދާއިމީ ގޮތެއްގައި މާކެޓްކުރާނޭ ގޮތްވެސް މި ކޯހުގެ ތެރެއިން ދަސްކޮށްދޭނެއެވެ. ޖުމްލަ 18 މީހުންވަނީ ކޯހުގައި ބައިވެރިވެފައެވެ.