ސިޔާސީ ޕާޓީތަކުގެ ޖަގަހަތަކާއި އެ ނޫން ވެސް ސިޔާސީ ހަރަކާތް ހިންގާ ތަންތަނަށް ރައްކާތެރިކަން ފޯރުކޮށްދޭން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އިން މިއަދު ގޮވާލައިފި އެވެ.
އެމްޑީފީ އިން މިަދު ނެރުނު ބަޔާނެއްގައި މިގޮތަށް ގޮވާލީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީ އެމް) ގެ ކެމްޕޭން ޙަރަކާތްތައް ހިންގަމުން އަންނަ” ރުމާލު 2″ ޖަގަހައިގެ ސްޓޭޖުގައި ރޭ ދަންވަރު އަލިފާން ރޯކޮށް އެތަނުގެ ތަކެއްޗަށް ގެއްލުންދީފައިވާތީއެވެ. އެކަން އެންމެ ހަރުއަޑުން ކުށްވެރިކޮށް، ވީހާވެސް އަވަހަށް ތަޙްޤީޤްކޮށް އެކަން ކުރި ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއަށް އެޕާޓީ އިން ގޮވާލާފައިވެއެވެ.
ސިޔާސީ ޙަރަކާތްތައް ހިންގާ ޖަގަހަތަކާއި، އޮފީސްތަކާއި ސިޔާސީ ޕާޓީތަކުގެ މުދަލަށް ޙަމަލާ ދިނުމަކީ މުޅި ސިޔާސީ ނިޒާމަށް ދެވޭ ޙަމަލާއެއްކަމަށާއި، ސިޔާސީ ޙަރަކާތްތައް ހިންގާތަން ތަނަށާއި، އޮފީސްތަކަށް އަދި ވަކިން ޙާއްސަކޮށް ވާދަވެރި ސިޔާސީޕާޓީތަކުގެ އޮފީސްތަކާއި ހަރުގެ ތަކަށް ހަމަލާދީ ބޮޑެތި ގެއްލުން ދިނުން އާންމު ވެފަިވާކަމަށް ވެސް އެބަޔާނުގައި ބުނެފައިވެއެވެ.
އެމްޑީޕީއިން މިއަދު ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ މާލެއާއި އަތޮޅުތަކުގައި ހަދާފައިވާ އެމްޑީޕީގެ ހަރުގެތަކަށާއި ޖަގަހަތަކަށް ބޮޑެތި ގެއްލުންދީފައިވާކަން ފާހަގަ ކުރާކަމަށެވެ
މީގެ އިރުތަށް މި ޕާޓީން އިސްނަގައިގެން ހިންގާ ޙާރަކާތްތަކަށް ފުލުހުން ހުރަސްއަޅައި ހުއްޓުވާއިރު ޕަޓީގެ މުދަލާއި ސިޔާސީ ޙަރަކާތްތައް ހިންގުމަށް ކުއްޔަށް ހިފާ މުދަލަށްވެސް ބޭނުން ނުކުރެވޭ މިންވަރަށް ގެއްލުންދިނުމާއި، ހަރުގެތައް ރޫޅާލުމާއި، އެމްޑީޕީގެ ދިދަތައް ނެގުން ފަދަ ކަންކަން ފުލުހުންގެ ކިބައިން ތަކުރާރުކޮށް ފެންނަމުން އަންނަކަންވެސް ހިތާމައާއެކު ފާހަަގަ ކުރާކަމަށް އެމްޑީޕީ އިންވަނީ ބުނެފައެވެ.
އެމްޑީޕީ އިން ބުނިގޮތުގައި، މިއީ ޑިމޮކްރަޓިކް ސިޔާސީ ނިޒާމެއް ކުރިއެރުވުމަށް އެޅޭ ހުރަހެކެވެ. އެހެންކަމުން މިފަދަ ކަންކަން ތަޙްޤީޤްކޮށް އެކަންކަން ކުރުމުގައި ބައިވެރިވާ ފަރާތްތަކާމެދު ހަރުކަށި ފިޔަަވަޅު އެޅުމަށް ދައުލަތުގެ ހުރިހާ މުވައްސަސާތަކަށް ވަނީ ގޮވައިލާފައެވެ.
މިހާތަނަށް މިފަދަ އެތައް މައްސަލަތަކެއް ހުށަހަޅާފައިވާއިރު މިއިން އެއްވެސް މައްސަލައެއް ތަޙްޤީޤްކޮށްފައިނުވާކަން ކަންބޮޑުވުމާއެކު ފާހަގަކޮށް، އަދި ސިޔާސީ ޙަރަކާތްތައްހިންގާ ތަންތަނަށް ވަކި ފިކުރެއް ނުވަތަ ސިޔާސީ ޕާޓީއެއް ބެލުމެއްނެތި ހަމަހަމަ އުސޫލުން ރައްކާތެރިކަން ފޯރުކޮށްދިނުމަށް ސަލާމަތީ ޚިދުމަތްތަކަށް އެމްޑީޕީއިން ނެރުނު ބަޔާނުގައި މިއަދުވަނީ ގޮވާލާފައެވެ.