ލިޔުނީ: މުހައްމަދު ހިޒްޔަމް ހާމިދު
އެހެންކަމުން، ދިވެހިރާއްޖޭގެވެސް އެކި ކަންކޮޅުތަކުގައި ފާހަގަކުރާ މި ހަރަކާތުގައި ބައިވެރިވެލައްވާށެވެ! ދުނިޔެއަށްޓަކައި އެންމެ ގަޑިއެއް ހޭދަކޮށްލައްވާށެވެ. ދުނިޔެ ހޫނުވުމާއި ދެކޮޅަށް އަޑުއުފުލާލާށެވެ.
ދުނިޔެ ހޫނުވުމަށް ހައްލެއް ހޯދުމުގެ ގޮތުން ހިންގާ އެންމެ ބޮޑު ހަރަކާތް ” އާތު އަވަރ ” 2018 ފާހަގަކުރަން ދުނިޔޭގެ އެކިކަންކޮޅުތަކުގެ މީހުން ވަނީ މިއަދު ފަށާފައެވެ.
ރާއްޖެ ގަޑިން މިރޭ 8:30 އިން 9:30 އަށް މި ހަރަކާތް ކުރިއަށް ގެންދާނެއެވެ. އާތުއަވަރ ގައި މަޝްހޫރު ބުރްޖު ޚަލީފާވެސް މިރޭ ނިއްވާލެވޭނެއެވެ.
އާތުއަވަރ އެންމެ ފުރަތަމަ ފާހަގަކުރީ 2007 ވަނަ އަހަރު އޮސްޓްރޭލިއާގެ ސިޑްނީގައެވެ. މިހަރަކާތުގައި 2.2 މިލިއަން ގެއާއި ވިޔަފާރިތައް އެއްގަޑިއިރުވަންދެން ބޮކި ނިއްވައިލިއެވެ. ކޮންމެ އަހަރެއްގެވެސް މާރޗު މަހުގެ އެންމެފަހު ހޮނިހިރު ދުވަހު މި ހަރަކާތްކުރިއަށް ގެންދެވޭއިރު، ބައެއް އަހަރުތަކުގައި ކްރިސްޓިއަން ހޮލީ ސަޓަރޑޭގެ ސަބަބުން ފަސްކުރަން ޖެހެއެވެ.
ޑަބްލިޔު ޑަބްލިޔު އެފް، އާންމުނަމުންނަމަ ވޯރލްޑް ވައިލްޑްލައިފް ފަންޑުން އިސްނަގައިގެން ކޮންމެ އަހަރަކުވެސް ހިންގާ މި ހަރަކާތުގެ އެންމެ ބޮޑު އެއް މަޤުޞަދަކީ ދެމެހެއްޓެނެވި ގޮތެއްގައި ތިމާވެށީގެ މުސްތަޤުބަލެއް ބިނާކުރަން ޒިންމާ ނަގަން އެއްގަޑި އިރު ވަންދެން ބޮކި ނިއްވައިލުމެވެ. މިލިއަނުން މީހުން ބައިވެރިވާ މި އިވެންޓުގައި އެއްބައި މީހުން ކެންޑްލް ލައިޓް ޑިނަރ އިންތިޒާމުކޮށްގެންވެސް ބައިވެރި ވެއެވެ. ދުނިޔެ ހޫނުވުމަކީ އިންސާނުންނަށާއި ދުނިޔޭގެ ދިރުމަށް އެޅިފައިވާ ހުރަހެކެވެ. އެތަކެއް ޖަނަވާރުން ދުނިޔޭން ނެތިގެންދާ އެންމެ ބޮޑު ސަބަބެވެ. މީގެ އެންމެ ބޮޑު އެއް މިސާލު އިހަކަށްދުވަހު ފެނިގެން ދިޔައީއެވެ. ރައިނޯސްގެ ސަބްސްޕީޝީސްއެއް ކަމަށްވާ ނަދަރން ވައިޓް ރައިނޯގެ އެންމެފަހު ފިރިހެން ރައިނޯ ދުނިޔެއަށް އަލްވިދާ ކިޔައިފިއެވެ. ނަމަވެސް އެ ރައިނޯ ދިޔައީ ބޮޑު ފިލާވަޅެއް އުނގަންނައި ދީފައެވެ. މި ކަމުން ދައްކައިދެނީ އަވަސް ޙައްލެއް ކްލައިމެޓް ޗޭންޖަށް ގެންނަން ޖެހޭކަމެވެ