English Edition
Dhivehi Edition

މޭޖަރ އިނގިރޭސި އުމަރު މަނިކުގެ ހަނދާނީ ވާދައިގެ ތައްޓަށް ބޭއްވޭ ސިފައިންގެ އަހަރީ ބަޑި މުބާރާތް 2018 މިއަދު ފަށައިފިއެވެ.

މިމުބާރާތް ފެށުމުގެ ގޮތުން ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި މިއަދު ހެނދުނު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބަލް އާދަމް ޝަރީފް ޢުމަރު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ސިފައިންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމަށް ތަމްރީންތަކުގެ މުހިންމުކަމާއި ސިފައިންގެ ބަދަހި ލަޝްކަރުން ޤައުމަށް ފޯރުކޮށްދެމުންދާ އިޚްލާސްތެރި ޚިދުމަތުގެ މައްޗަށް އަލިއަޅުއްވާލައްވައި ވަނީ ވާހަކަފުޅުދައްކަވާފައެވެ.

މިމުބާރާތް ފައްޓަވައި ދެއްވުމުގެ ގޮތުން ބަޑި ޖައްސަވާފައި ވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނަރަލް އަޙްމަދު ޝިޔާމާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދުގެ އިތުރުން ޖެނެރަލް އޮފިސަރުންނެވެ.

މިއަދު ފެށި މި މުބާރާތުގައި ސިފައިންގެ 21 ޔުނިޓަކުން ވަނީ ބައިވެރިވެފައެވެ.

ސިފައިންގެ އަހަރީ ބަޑި މުބާރާތް 2018 ފެށުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި ސީނިއަރ އޮފިސަރުންގެ އިތުރުން މުބާރާތުގައި ބައިވެރިވާ ޓީމްތަކުންނާއި އެހެނިހެން ސިފައިން ވަނީ ބައިވެރިވެފައެވެ.

އަންނަ މަހު ފަސްވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި މުބާރާތަކީ މޭޖަރ އިނގިރޭސި އުމަރު މަނިކުގެ ހަނދާނީ ވާދައިގެ ތައްޓަށް ސިފައިންގޭގައި ކޮންމެ އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ މުބާރާތެކެވެ.