English Edition
Dhivehi Edition

އައްޑޫސިޓީގެ ހިތަދޫ މަސްޖިދުލް ބާޤިއާ ހުންނަ މަގުގެ ފުއްޓަރާވީ ކޮޅުުގައި ފަންސާސް ހާސް އަކަފޫޓުގެ ބޮޑު ސަހަރާއެއް ހެދުމުގެ އަމަލީ މަސައްކަތް އިފްތިތާޙް ކޮށްފިއެވެ.

މި މަހުގެ 20 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް އިފްތިތާޙްކޮށް ދެއްވެވީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ވަހީދެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ އައްޑޫސިޓީގެ ހިތަދޫ އަކީ އެ ސިޓީގެ އެހެން ރަށްތަކާ އަޅާ ބަލާއިރު އާބާދީ ބޮޑޫ ރަށަކަށް ވެފައި ހިތަދޫގެ ސަހަރާގައި ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ދިމާވެފައިވާ ކަމަށެވެ. އެހެންކަމުން އަލަށް ހަދާ ސަހަރާގެ މަސައްކަތް ނިމުމުން މި މައްސަލައަށް ޙައްލެއް ލިބިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

” ސަރުކާރުގެ ވިސްނުންހުރި ގޮތަކީ ބޮޑެތި އާބާދީ އަދި ބޮޑެތި ބިންތައް ހުރި ތަންތާގައި މިގޮތަށް ސަހަރާ ޤާއިމްކުރެވިގެން ދާއިރުގައި ހަމައެކަނި ލެވެލްކުރެވިފައި ހުންނަ ފަސްގަޑަކަށް ވުރެ ބޮޑަށް އެހެންގޮތަކަށް މިކަން ކުރެވި، ދާއިމީ ގޮތެއްގައި އެ ސަހަރާ ބޭނުންކުރެވިގެންދާނެ ގޮތެއް ހަމަޖައްސައިގެންދިއުން” ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހައުސިން މިނިސްޓްރީއާ ހަވާލުކޮށްގެން ސަހަރާގެ މަސައްކަތް ކުރިއަށްގެން ދިއުމަށް ރާވާފައިވާ މި މަސައްކަތް ކުރިއަށްދާނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި ބިންސާފުކޮށް ފަސްގަނޑު ލެވެލްކުރުމާއެކު ވަށާ ފާރުރޭނުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދެވަނަ ފިޔަވަހީގައި ހިނަވާގެއަކާއި، މޯޗަރީއެއް ތައްޔާރުކުރުމުގެ މަސައްކަތްކުރާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ އާ ސަހަރާ ހަދަނީ ދިގުމުއްދަތަކަށް ބޭނުން ކުރެވޭ ގޮތަށް ކަމަށެވެ. އަދި އެއީ މާލެއާއި ހުޅުމާލޭގަވެސް ހަދާ ފެންވަރުގެ ފަހުގެ ސަހަރާއެއް ކަމަށް އޭނާ ވިދާޅުވިއެވެ.