ރައްޔަތުންގެ ފަޅިއަކީ ތަރައްޤީގެ ފަޅިކަމުގައި އައްޑޫ ސިޓީ ހުޅުދޫ ދާއިރާގެ ޕީޕީއެމް މެމްބަރު މުހައްމަދު ޝާހިދު (ޝާޑު) މިއަދު ވިދާޅުވެއްޖެ އެވެ. މީގެ އިތުރުން ޝާޑު ވިދާޅުވީ އޭނާވެސް ހުންނެވީ ރައްޔަތުންގެ ފަޅީގައި ކަމަށާއި މި ސަރުކާރުން އަންނަނީ އެއްވެސް ސަރުކާރަކުން، ރާއްޖެ އަށް ތަރައްގީ ނުގެނެވޭހާ ބާރު ސްޕީޑުގައި ތަރައްގީ ގެނެސްދެއްވަމުންކަމުގައި ޝާހިދު ވަނީ ވިދާޅުވެފައެވެ. “ރައްޔިތުންގެ ފަޅީގައި ރައްޔިތުންގެ އެދޭ ގޮތަށް ވޯޓު ދޭން ނިންމައިގެން ހުރިކަމަށް އިހަވަންދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ވިދާޅުވެފައިވާއިރު، އެއަށް ރައްދު ދެއްވަމުން ޝާހިދު ވިދާޅުވީ ސިޔާސީ ފިކުރު ބަދަލުކުރާ ކޮންމެ ފަހަރަކު އެ ބޭފުޅުން ތިއްބެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ވިދާޅުވުމަކީ ގަބޫލުކުރައްވަން ދަތި ކަމެއް ކަމަށެވެ. އަދި އެއީ އިޚުލާސްތެރިކަމާ އެކު ވިދާޅުވާ އެއްޗެއް ކަމަކަށް ދެކެވަޑައި ނުގަންނަވާ ކަމަށާއި އެއީ ސިޔާސީ ގޮތުން ވަކި ކަމެއް ހާސިލް ކުރުމަށް ބުނެލާ އެއްޗެއް ކަމުގައެވެ. “މިހާރުވެސް މި ސަރުކާރުން ހުޅުދޫ ދާއިރާގެ ތަރައްގީ އަށް 300 މިލިއަން ރުފިޔާގެ މަޝްރޫއު ކުރިއަށް އެބަ ގެންދޭ. ރައްޔަތުން ބޭނުންވަނީ ތަރައްގީ.” ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި، ވެރިކަން ކުރާ ޕީޕީއެމަށް ނިސްބަތްވެ ވަޑައިގަންނަވާ ބައެއް މެމްބަރުން ސޮއިކުރައްވާފައިވާއިރު، އެ ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ބައެއް މެމްބަރުންދަނީ ފާޅުގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަދައްކަމުންނެވެ.