English Edition
Dhivehi Edition

އިންތިޚާބުތަކުގައި ބޭނުންކުރާ ވޯޓު ކަރުދާސްތަކުގައި އެއްޗަކުން ކުރަހައި ނުވަތަ ލިޔެފި ނަމަ، އެ ވޯޓު ކަރުދާހެއް ބާތިލްވާ ގޮތަށް އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.

މި ބިލް ރައްޔަތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ސ.ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު އެވެ. މި ބިލް ފާސް ކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 53 މެމްބަރުންގެ އިއްތިފާގުންނެވެ.މި ބިލް މަޖިލީހަށް ހުށަހެޅުއްވި ސަބަބެއް ކަމުގައި ޝާހިދު ބަޔާންކޮށްފައިވަނީ ވޯޓު ކަރުދާހުގައި އެމީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖެހުމުގެ އިތުރުން ވޯޓުދޭ ފަރާތް އެނގޭނެހެން އިތުރު އެހެން ފާހަގަ ޖަހައި ނުވަތަ ކުރަހާފައި ހުންނާތީ ވޯޓު ދިން މީހާގެ ސިއްރުކަން ގެއްލޭ ހާލަތްތައް މެދުވެރިވުމެވެ.އެހެންކަމުން ކަރުދާހުގައި ކުރަހާ ނަމަ ވޯޓު ބާތިލްވާ ގޮތަށް އޮތުމަކީ ގާނޫނުއަސާސީ އާއި އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެމީހަކު ލާ ވޯޓަކީ ސިއްރު ވޯޓެއްގެ ގޮތުގައި ކަށަވަރު ކުރުންކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

އިންތިޚާބުތަކުގައި ބޭނުންކުރާ ވޯޓު ކަރުދާސްތަކުގައި ކުރެހުމެއް ނުވަތަ ލިޔުމެއް ހުރެއްޖެ ނަމަ، އެ ކަރުދާހެއް ބާތިލްވާ ގޮތަށް އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމަށް އެކި ފަހަރު މަތިން މަޖިލިހަށްވަނީ ހުށަހަޅާފައެވެ. އެހެންނަމަވެސް އެއްވެސް ފަހަރަކު މި ބިލް ފާސްވެފައެއް ނުވެއެވެ.