English Edition
Dhivehi Edition

އައްޑޫސިޓީގައި އެޅުމަށް ހަމަޖެހިފައިވާ ޕޮލިސް އެކެޑަމީގެ ބިންގާ މާދަމާ އަޅާގޮތަށް ހަމަޖެހިއްޖެއެވެ. ސައުތުޕޮލިސް ޑިވިޝަން ކޮމާންޑަރ ޗީފްއިންސްޕެކްޓަރއޮފް ޕޮލިސް އަލީ ޝަރީފް ވިދާޅުވީ އެތަނުގެ ބިންގާ އެޅުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:30 ގައެވެ. ބިންގާ އަޅުއްވައި ދެއްވާނީ ހޯމް މިނިސްޓަރ އަޒުލީން އަޙުމަދާއި، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާއި، ކޮމިޝަނަރއޮފް ޕޮލިސް އަޙުމަދު އަރީފެވެ. މި ބޭފުޅުން މާދަމާ މެންދުރު ފުލައިޓުން އައްޑޫސިޓީއަށް ވަޑައިގަންނަވާނެއެވެ. އެ އިމާރާތް އެޅުމަށް އާރުއޭފް ސަރަހައްދުގައެވެ. އެތަން އަޅަނީ ގާތްގަނޑަށް އެއްކިލޯމީޓަރުގެ ބިމެއްގައެވެ. އެބިމަކީ ހަނިކޮށް ދިގުކޮށް އޮންނަ ބިމެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެސަރަހައްދުން ފުއްޓަރާވީ ކޮޅަށް ބިންހިއްކާ ގޮތަށްވަނީ ހަމަޖެހިފައެވެ. މިއީ ރާއްޖޭގައި އިމާރާތްކުރާ މިފަދަ އެންމެ ބޮޑު ތަން ނުވަތަ އިމާރާތް ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. މިއީ ޒަމާނީ ފެންވަރުގެ ޚިދުމަތް ލިބޭގޮތަށް އިމާރާތްކުރާ ތަނެކެވެ. ޕޮލިސް އެކެޑަމީއަކީ އަށާރަ މިލިއަން ރުފިޔާ ޚަރަދު ކޮށްގެން އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އިމާރާތްކޮށްދޭ ތަނަކެވެ. އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތަށް ފުލުހުން ގެންދަނީ ތައްޔާރު ވަމުންނެވެ.