English Edition
Dhivehi Edition

ކުނީގެ މައްސަލަ ޙައްލުކުރުމަށް “އެންވަޔަރަންމަންޓް ޕޮލިސް” ގެ ޚިދުމަތް ފަށައިގަތުމާ ބެހޭގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަދި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މިއަދު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހިމްއެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ސޮއިކުރެއްވީ އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒްއެވެ. ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ފަރާތުން މިފަހުމުނާމާގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝިފާޢު އެވެ.

ފަހުމުނާމާގައި ސޮއިކުރެއްވުމަށްފަހު މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހިމް ދެއްކެވި ވާހަކަފުޅުގައި މިއަދު ސޮއިކުރެވުނު މި ފަހުމުނާމާއަކީ ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރެއްވިއެވެ. އެގޮތުން މާލޭ ބައެއް ސަރަޙައްދުތަކުގެ މަގުމައްޗަށް ކުނިއެޅުމާއި ޤަވާއިދާ ޚިލާފަށް ކުނިއުފުލުމުގެ ކަންކަން އަދިވެސް ފާހަގަކުރެވިފައިވާކަމަށާއި މިކަމުގެ ސަބަބުން އެފަދަ ފަރާތްތައް ހޯދައި، ޤަވާއިދުގެ ދަށުން ފިޔަވަޅު އެޅުމުގެ މަސައްކަތްކުރެވިގެންދާނެކަމަށް ވިދާޅުވިއެވެ. އަދި ފަހުމާނާގެ ދަށުން ސްޕެޝަލް ކޮންސްޓެބްލަރީގެ ޚިދުމަތް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށާއި ފުލުހުންނަށް ބޭނުންވާ އެހީތެރިކަން ލިބިގެންދާނެކަމަށްވެސް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް، ޑީސީޕީ ޢަބްދުﷲ ނަވާޒް ދެއްކެވި ވާހަކަފުޅުގައި ފަހުމުނާމާގެ ސަބަބުން ރައްޔިތުންނަށް ރަނގަޅު ބަދަލުތަކެއްފެނި، ރައްޔިތުންނަށް ގިނަ ފައިދާތަކެއް ވެގެންދާނެކަމަށާއި ކުރިއަށް އޮތްތަނުގައި އެންވަޔަރަންމަންޓް ޕޮލިސްގެ ޚިދުމަތް އެހެން ސިޓީތަކަށާއި އަތޮޅުތެރެއަށް ތަޢާރަފްކުރުމުގެ ވިސްނުން ގެންގުޅުއްވާކަމަށް ވިދާޅުވިއެވެ. މީގެއިތުރުން ފަހުމާނާމާގެ ސަބަބުން ފުލުހުންނާއި މިނިސްޓްރީ އާދެމެދު އޮތް ގުޅުން މިހާރަށްވުރެ ބަދަހިވެ، ރައްޔިތުންގެ ލާބަޔާއި މަންފާއަށް ކުރެވެންހުރި މަސައްކަތްތައް ބަލައި މަޝްވަރާކޮށް، ކުރިއަށް އޮތްތަނުގައި އިތުރު މަސައްކަތްތަކެއް ކުރެވިގެންދާނެކަމަށެވެ.

Mou 2

ފުލުހުންނާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަދި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންއާ ދެމެދު ސޮއިކުރެވުނު މިފަހުމުނާމާއަކީ ތިން މުއައްސަސާއަށް ޤާނޫނީ ގޮތުން ހަވާލުކުރެވިފައިވާ ޒިންމާ އާއި މަސްޢޫލިއްޔަތު އަދާކުރުމުގައި ތިން މުޢައްސަސާއަށް ލިބިގެންވާ ޢިލްމާއި ތަޖުރިބާގެ އަލީގައި އެއްބާރުލުންދީ ތިން މުޢައްސަސާގެ ތަރައްޤީއަށާއި ކުރިއެރުމަށް އަދި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ކުރިއަށް ގެންދާ “ސާފު ރާއްޖެ” އިނިޝިއޭޓްގެ ދަށުން ރާއްޖޭގެ ރަށްތައް ސާފު ރަށްތަކެއްގެ ގޮތުގައި ބޭއްވުމަށް ކުރަމުންދާ މަސައްކަތްތަކުގައި އެއްބާރުލުންދިނުމުގެ މަޤުޞަދުގައި ސޮއިކުރި ފަހުމުނާމާއެކެވެ. އަދި ކުނި މެނޭޖްކުރުމުގެ ޤަވާއިދުގެ ދަށުން ފިޔަވަޅު އަޅައި، އެޤަވާއިދު ތަންފީޒްކުރުމުގެ މަސައްކަތްކުރުމަކީވެސް މިފަހުނާމާގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މިއަދު ސޮއިކުރެވުނު މި ފަހުމުނާމާގެ ދަށުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އާއި ވެމްކޯގެ ގުޅިގެން ކުރިއަށް ގެންދާ މަސައްކަތްތަކަށް ޚާއްސަކުރެވޭ ސްޕެޝަލް ކޮންސްޓަބްލަރީ ޚިދުމަތް ހަމަޖެހިގެން ދާނެއެވެ. އަދި ޤަވާއިދާ ޚިލާފަށް ކުނި ޖަމާކުރުން ހުއްޓުވުމަށްޓަކައި މާލެތެރެ ޕެޓްރޯލްކޮށް ބެލެހެއްޓުމާއި ކުނި މެނޭޖްކުރުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނަށް ޚާއްސަކުރެވިފައިވާ ޒޯންތަކުގެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމާއި، ޤަވާއިދާ ޚިލާފަށް އެޒޯންތަކުގައި ޕާކުކުރާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމުގެ އިތުރުން ޤަވާއިދާ ޚިލާފަށް ކުނި އުފުލާ ފަރާތްތަކާމެދު ޤަވާއިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅައި، ބައިސްކަލުގައްޔާ ގާޑިޔާތަކުގައި ޤަވާއިދާ ޚިލާފަށް ކުނި އުފުލަމުންދާނަމަ އެކަންކަން ހުއްޓުވުމަށްޓަކައި މަސައްކަތްތައް ކުރެވޭނެއެވެ.

މީގެއިތުރުން ވެމްކޯއަށް ކުނި މެނޭޖްމކުރުމުގައި ސެކިއުރިޓީ ގޮތުން ދިމާވާ ކަންތައްތައް ޙައްލުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ތަންފީޒްކުރަންޖެހޭ ޤަަވާއިދުތައް ތަންފީޒްކުރުމަށްޓަކައި އެއްބާރުލުންދީ، ޤަވާއިދާ ޚިލާފުވާ ފަރާތްތަކާމެދު އެޅޭ ފިޔަވަޅުތައް ތަންފީޒްކުރުމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އޭޕީއޭ) މެދުވެރިކޮށް ކުރަންޖެހޭ މަސައްކަތްތައް ކުރެވިގެންދާނެއެވެ.