ކުއްލި ނުރައްކަލުގެ ހާލަތު ނިމުނު ނަމަވެސް އެ ހާލަތުގެ ދަށުން ހައްޔަރު ކޮށްފައިވާ މީހުން މިނިވަން ނުވާނެ ކަމަށް ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެއެވެ
ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރު ކޮށްފައިވާ ބޭފުޅުންގެ ތެރޭގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު، ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ހިމެނެ އެވެ
ސިޔާސީ ލީޑަރުންތަކެއް ވެސް ހިމެނޭ ގޮތަށް ނުވަ ބޭފުޅަކު މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ކުރި ހުކުމާއި ގުޅިގެން އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ 45 ދުވަސް އަންނަ ބުރާސްފަތި ދުވަހު ހަމަވާނެ އެވެ
ނިހާން ވިދާޅުވީ ސްޓޭޓް އޮފް އިމަޖެންސީ ނިމުނު ނަމަވެސް އިމަޖެންސީގެ ދަށުން ހައްޔަރު ކުރެވުނު ދިވެހިރާއްޖެ އަށް ނުރައްކާ ބަޣާވާތެއް ގެންނަން އުޅުނު މީހުންގެ މައްސަލަތައް ދާނީ ބާރަށް ކުރިއަށްކަމަށާއި މިހާރު ހައްޔަރު ކޮށްފައިވާ މީހުން މިނިވަން ވާނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކަނީ މަގުތަކަށް މީހުން ނެރުމަށްކަމަށެވެ