English Edition
Dhivehi Edition

އައްޑޫސިޓީ ސްކޫލްތަކުގައި ކިޔަވަމުންދާ ވަކިވަކި ދަރިވަރުންގެ ނަތީޖާ މިހާރަށްވުރެވެސް ރަނގަޅު ކުރުމާބެހޭ މަޝްވަރާތައް އެޑިޔުކޭޝަން މިނިސްޓަރ ބާއްވައިފިއެވެ. މިނިސްޓަރ ޑރ. އާއިޝަތު ޝިހާމް މި މަޝްވަރާތައް ބޭއްވި އެކަމަނާ އައްޑުއަށް ކުރެއްވި ދެދުވަހުގެ ދަތުރުފުޅެއްގައެވެ. މިއީ އެއްވެސްކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން ސްކޫލްތަކުގެ ނަތީޖާ ރަނގަޅު ކުރުމުގެ ގޮތުން ބޭއްވި މަޝްވަރާތަކެކެވެ. އެގޮތުން މިއަދުވެސް އެކަމަނާވަނީ ބައެއް ސްކޫލްތަކުގެ ވެރިންނާ ބައްދަލު ކުރައްވައިފައެވެ. ދެދުވަހުގެ މިދަތުރުފުޅުގައި މިނިސްޓަރވަނީ އައްޑޫސިޓީގެ ޕްރިންސިޕަލުންނާ ބައްދަލުކުރައްވައި އެކަމާބެހޭ މަޝްވަރާތައް ބާއްވައިފައެވެ. މި ބައްދަލުވުން ތަކުގައި މިނިސްޓަރވަނީ ފާއިތުވި އަހަރުގައި ވަކިވަކި ދަރިވަރުން ހޯދައިފައިވާ ނަތީޖާއާ ބެހޭގޮތުންވެސް މަޝްވަރާ ކުރައްވައިފައެވެ. އެ ނަތީޖާއަށްބަލައި ކުރިއަށްއޮތް ތަނުގައި ކިޔަވައިދޭއިރު ސަމާލުވާންވީ ކަންކަން ފާހަގަކުރެވި އެކަމަށް މަސައްކަތް ކުރެވޭނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެފައިވެއެވެ. މި ބައްދަލުވުންތަކުގައި މިނިސްޓަރުގެ އަރިހުގައި އިސްކަންދަރު ސްކޫލުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. ސްކޫލް ހިންގުމާއި ދަރިވަރުންގެ ނަތީޖާ ރަނގަޅު ކުރުމަށް އެސްކޫލުން އަމަލުކުރާގޮތް އެ ބައްދަލުވުންތަކުގައި އިސްކަންދަރުން ވަނީ ހިއްސާ ކޮށްފައެވެ.