English Edition
Dhivehi Edition

ހައުސިން ލޯންތައް ވީހާވެސް ހެޔޮއަގެއްގައި ރައްޔިތުންނަށް ދިނުމަށް އެމްއެމްއޭގެ ގަވަރުނަރު ޑރ. އާޒިމާ އާދަމް ބޭންކުތަކަށް ގޮވައިލައްވައިފިއެވެ. އެކަމަނާ މިކަމަށް ގޮވައިލެއްވީ މިއަދު ހެނދުނު ބޭއްވި “މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2017 ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ގެދޮރު އިމާރާތް ކުރުމަށާއި، ގަތުމަށް ހެޔޮއަގުގައި، ލުއިފަސޭހަ ކަމާއެކު، ލޯނު ލިބޭނެ ވަސީލަތްތައް ހުޅުވައި ލެއްވުމުން ރައްޔިތުންނަށް ވަރަށްބޮޑަށް ފަސޭހަވެ ލުއި ލިބިގެންދާނެއެވެ. މިއަހަރުގެ ފައިނޭންޝަލް އެކްސްޕޯ ގެ ތީމު ކަމަށްވާ “ހައުސިން އެންޑް ފައިނޭންސް” އާ ބެހޭ ގޮތުން އަޒީމާ ވިދާޅުވީ އެ ތީމު އިޚުތިޔާރު ކުރެއްވީ ރާއްޖޭގެ ތަރައްގީގައި މިވަގުތު އެންމެ މުހިންމު ކުރިއެރުމެއް ހޯދަންޖެހިފައިވާ ދާއިރާއަކީ ގެދޮރުވެރިކަން ކަމަށްވާތީއެވެ. “ގެދޮރުވެރިކަމާ ނުލައިވެސް، ގައުމެއްގެ އިގްތިސާދީ ދުވެލި ވަރަށް ބާރުމިނެއްގައި ކުރިއަށް ގެންދެވިދާނެ. ނަމަވެސް ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރެވޭނީ، ރައްޔިތުން ބާރުވެރި ކުރެވޭނީ، ގައުމުގެ ތަރައްގީގެ ފޮނިމީރުކަން ރައްޔިތުމީހާއަށް ގެނެސްދީ، އޭނާގެ މޫނަށް ހިނިތުންވުން ގެނެސްދެވޭނީ، ކޮންމެ މީހަކަށްވެސް އަމިއްލަ ގެދޮރު ހުރެގެން،” އެކަމަނާ ވިދާޅުވިއެވެ. ޝަރަފުވެރިކަމާއި އަބުރުވެރި ކަމާއެކީ، އެމީހަކަށާއި އާއިލާއަށް ދިރިއުޅެވޭނީ އެވަރުގެ ގެއެއް ނުވަތަ، ފްލެޓެއް ހުރެގެން ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ. އެކަން އޮގޮތަށް ކުރެވޭނީ، ހައުސިން ޕޮލިސީ އެގޮތަށް ބައްޓަންކުރެވިގެންނާއި، ކޮންސްޓްރަކްޝަނަށް ހިނގާ ޚަރަދު، އަތްފޯރާފަށް ތިރިކުރެވިގެން ކަމަށެވެ. އޭގެ އިތުރަށް މާލީ އިދާރާތަކުން ކޮންސްޓްރަކްޝަން ކުންފުނިތަކަށް ޚަރަދު ކުޑަގޮތެއްގައި، ލޯނު ލިބޭނެ މަގުފަހިވުމާއި، އެންމެ އާދައިގެ ވަޒީފާ އަދާކުރާ މީހާއަށްވެސް، އޭނާގެ އަމިއްލަ ގެއެއް، ނުވަތަ ފްލެޓެއް އިމާރާތްކުރުމަށް، ނުވަތަ ގަތުމަށް ލޯނު ލިބިގެން ކަމަށްވެސް އަޒީމާ ވިދާޅުވިއެވެ. “ހައުސިން ލޯނަކީ، އޭނާގެ ވަޒީފާއިން ލިބޭ މުސާރައިން ދެއްކޭނެ ލޯނަކަށް ވާންއެބަޖެހޭ. ހައުސިން ލޯނަކީ، ހަމައެކަނި މުއްސަނދި، ނުވަތަ ބޮޑު މުސާރަލިބޭ މީހުންނަށް އެކަނި ލިބޭ އެއްޗަކަށް ވެގެނެއްނުވާނެ” ގަވަރުނަރު ވިދާޅުވިއެވެ. އެކަމަނާ ވިދާޅުވީ ކޮމާޝަލް އިތުރު ބޭންކަކާއި، ދެ އިންޝޫރެންސް ކުންފުނި ރާއްޖޭގައި މިހާރުވަނީ ހުޅުވިފައި ކަމަށެވެ. ރާއްޖޭގެ ޕޭމަންޓް ސިސްޓަމަށް ޒަމާނީ ހެޔޮބަދަލުތަކެއް އައިސްފައިވާ ކަމަށާއި، ޗެކް ކްލިއަރިން އޮޓޮމޭޓްވުމާއި މޯބައިލް ޕޭމަންޓާއި އިންޓަނެޓް ބޭންކިން ވަނީ ވަރަށްބޮޑުތަން ތަރައްގީވެފައި ކަމަށްވެސް ވިދާޅުވިއެވެ.