އިދިކޮޅު ފަރާތްތަކުން މާލޭގައި ބާއްވަން ހަމަޖެހިފައިވާ ބޮޑު މުޒާހަރާ މިމަހުގެ 16 ވަނަ ދުވަހު އޮންނާނެކަން އިޢުލާނުކޮށްފިއެވެ.
އިދިކޮޅު އިއްތިހާދުން މިހާރު ބޭއްވި ނޫސް ކޮންފަރެންސުގައި މި މުޒާހަރާގައި ބައިވެރިވުމަށް މިހާރުން ފަށައިގެން މީހުން މާލެ އައުމަށް ވަނީ ގޮވާލާފައެވެ. މި މަހުގެ 16 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މުޒާހަރާ ކުރިން ވެސް ރާވާފައިވާ ގޮތަށް އޮންނާނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު މުޙައްމަދު އަމީތު ވަނީ ވިދާޅުވެފައެވެ. އަމީތު މިހެން ވިދާޅުވެފައި ވަނީ ނޫސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުންނެވެ.
ކުރިޔަށް އޮތް ހަތަރު ދުވަހުވެސް މެދު ކަނޑާ ނުލާ މުޒާހަރާ ބާއްވަމުން ގެންދަވާނެ ކަމަށް ވެސް އަމީތު ވިދާޅުވިއެވެ. އެ ގޮތުން މިރޭ ވެސް މާލޭގެ ހަތަރު ސަރަޙައްދެއްގައި މުޒާހަރާ ކުރިޔަށް ގެންދަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
1 ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލުމަށް ކަމަށް ބުނެ އިދިކޮޅު އިއްތިޙާދުން ބާއްވަމުން ގެންދަވާ މުޒާހަރާތައް ކޮންމެ ރެއަކު ދަނީ ބާއްވަމުންނެވެ. އެގޮތުން ބާއްވަމުންދާ މުޒާހަރާ ތަކުގައި އިދިކޮޅު ޕާޓީތަކުގެ އިސްކޮށް ޙަރަކާތްތެރިވާ ބައެއް ފަރާތްތަކާއި އާއްމު މެމްބަރުތައް ދަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަމުންނެވެ.