English Edition
Dhivehi Edition

އެމެރިކާގައި ބާއްވާ ރޮބޮޓް އުފެއްދުމުގެ މުބާރާތެއްގައި ބައިވެރިވެފައިވާ އަފްޣާނިސްތާނުގެ 6 އަންހެންކުދިންގެ ޓީމުގައި ހިމެނޭ ދެ ކުއްޖަކަށް އެމެރިކާއަށް ދިޔުމަށް ބޭނުންވާ ވިސާ ނުދޭން އެގައުމުން ނިންމައިފިއެވެ. އެމެރިކާއިން މިގޮތަށް ނިންމި ސީދާ ސަބަބެއް އެނގިފައެއް ނުވެއެވެ. ދާދި ފަހުން އެމެރިކާގެ ރައީސް ވަނީ 6 ގައުމެއްގެ ރައްޔިތުންނަށް އެމެރިކާއަށް ވަކި އުސޫލެއްގެ ދަށުން މެނުވީ ނުވަދެވޭ ގޮތަށް ނިންމައި ޤަރާރެއް ފާސް ކޮށްފައެވެ. ނަމަވެސް މި ޤަރާރަށް ސީދާ ޢަމަލު ކުރުމަށްވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ. އަފްޣާނިސްތާނަކީ މި ލިސްޓުގައި ހިމެނޭ ޤައުމެއް ނޫނެވެ. އެކުދިން އުފެއްދި ރޮބޯޓް މިހާރުވަނީ އެމެރިކާއަށް އެތެރެކޮށްފައެވެ. އެހެންނަމަވެސް އެ ކުދިންނަށް ނުވަދެވުމުން ވަނީ ސުވާލު އުފެދިފައެވެ. މީގެ އިތުރަށް މި ލިސްޓުގައި ހިމެނޭ ޤައުމުތައް ކަމަށްވާ ސީރިއާ އަދި ސޫދާން އިން ބައިވެރިވި ކުދިންނަށް ވެސް ވަނީ ވިސާ ލިބިފައެވެ. މިހަރަކާތުގައި އެފްޣާނިސްތާނުން ބައިވެރިވާ ޓީމުގައި ހިމެނޭ ކުއްޖަކު ބުނެފައިވަނީ މިއީ އެމެރިކާއިން އަފްޣާނިސްތާނަށްކުރި ޖެއްސުމެއް ކަމަށެވެ. މިޓީމުގެ އެހެން މެމްބަރެއް ކަމަށްވާ، އުމުރުން، ސާދަ އަހަރުގެ ފާތިމާ ޤަދްރިޔާން ބުނެފައި ވަނީ އެހެން ގައުމުތަކަށް ވިސާ ލިބުނު އިރު، އެމީހުންނަށް ވިސާ ނުލިބެން ޖެހޭ ސަބަބެއް ނެތްކަމަށެވެ. ފާތިމާ އަކީ ކާބުލްގައި ހުންނަ އެމެރިކާ އެމްބަސީއަށް ވިސާ ހޯދަން ދިޔަ ޓީމުގެ މެންބަރެކެވެ. މި އިވެންޓް އޯގަނައިޒްކުރާ ފަރާތް ކަމައްވާ ‘ފަސްޓް ގްލޯބަލް’ އިން ބުނެފައިވަނީ އެކުދިންނަށް ވިސާ ނުލިބުމުން ވަރަށް ހައިރާން ވާކަމަށެވެ. ނަމަވެސް އެކުދިންނަށް އޮންލައިންކޮށް ވީޑިއޯގެ ޒަރީއްޔާއިން މި އިވެންޓްގައި ބައިވެރި ވެވޭނެގޮތް ހަމަ ޖައްސަވައި ދެއްވާނެ ކަމަށެވެ. ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ފަސްޓް ގްލޯބަލްގެ ރައީސް ވަނީ މިކަމާ ހިތާމަ ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި އެމެރިކާގެ ރައީސް ނެރުއްވި ލިސްޓުގައި ހިމެނޭ ސޫދާން އަދި އިރާންގެ ކުދިންނަށް ވިސާ ލިބުނު އިރު އަފްޣާނިސްތާންގެ ކުދިންނަށް ނުލިބެންވީ ސަބަބެއް ނެތްކަމަށްވެސް ވިދާޅުވެފައިވެއެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓް އިން ރޮއިޓާސް އަށް މައުލުމާތު ދެމުން ބުނެފައިވަނީ ވަކި ބަޔަކަށް ވިސާ ނުދޭ ސަބަބު ހާމަކުރުމަކީ އެކަމަށް ހަދައިފައިވާ ގަވާއިދު ތަންދޭ ކަމެއް ނޫންކަމަށެވެ. އެ ދެކުދިންނަށް ވިސާނުލިބުމުން އެހެންކުދިންވެސް އެމެރިކާއަށް ނުދާނެއެވެ. އެހެން ކަމުން އަފްޣާނިސްތާން ޓީމު މިފަހަރު ބައިވެރިވާނީ އޮންލައިންކޮށް ވީޑިއޯ މެދުވެރިކޮށެވެ. އެހެން ގައުމުތަކެކޭ އެއްގޮތަށް އަފްޣާން ކުދިންގެ އުފެއްދުންވެސް އެމެރިކާގައި ދައްކާލާނެއެވެ.