ރައްޔިތުންގެ މަޖިލީހުން މިއަދު ފަނޑީޔާރެއްގެ މައްޗަށް ޖިނާއީ ޙުކުމެއް ސާބިތުވެއްޖެ ކަމަށް ކޯޓަކުން ޙުކުމެއް ކޮށްފިނަމަ ފަނޑިޔާރުކަން ގެއްލޭނެ ކަމަށް ބަޔާންކޮށް ފަނޑިޔާރުންގެ ޤާނޫނަށް ހުށަހެޅި އިޞްލާޙް ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ އެ ބިލު ހުށަހަޅުއްވަމުން އިއްޔެ ވިދާޅުވެފައި ވަނީ ފަނޑިޔާރުންގެ ޤާނޫނަށް އިސްލާޙް ގެންނަން ސަރުކާރުން ނިންމީ، 1 ފެބްރުއަރީގެ އަމުރު ނެރެން އިސްކޮށް އުޅުއްވި އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދާއި ފަނޑިޔާރު ޢަލީ ޙަމީދަށް ފިޔަވަޅު އެޅޭނެ ތަނެއް މިހާރު އޮތް ޤާނޫނުން ނުލިބޭތީ ކަމަށެވެ.
ވީހާވެސް އަވަހަށް އެ ޤާނޫނަށް އިސްލާޙު ގެނެސް މިއަދުން މިއަދަށް ފާސް ކުރަން ޖެހޭ ކަމަށް ޢަބްދުއްރަޙީމް ވަނީ ވިދާޅުވެފައެވެ. އިތުރަށް ވިދާޅުވީ މި އިސްލާޙު ހުށަހެޅުމުގެ ބޭނުމަކީ ރާއްޖޭގައި ޤާނޫނީ ގޮތުން އުފެދިފައި އޮތް ސަރުކާރެއް ވައްޓާލުމަށް މަހުޖަނުންނާއި ކުރީގެ ރައީސުންނާއި ގުޅިގެން ޝަރުޢީ ދާއިރާގައި ތިބި ބަޔަކު ގެންނަން އުޅުނު ބަޣާވާތަކާ ގުޅިގެން ކަމަށެވެ.
ފަނޑިޔާރަކު ވަކި ކުރެވޭނީ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްވުމުން ކަމަށް ޤާނޫނުގައި ބުނެފައިވެއެވެ.
ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅި އެ އިސްލާޙު މިއަދު މަޖިލީހުން ފާސްކޮށްފައިވަނީ 38 ވޯޓުންނެވެ. އެ އިސްލާޙު ފާސްވުމަށް ބޭނުންވަނީ 20 ވޯޓެވެ.