ބޮލީވުޑޫގެ މަޝްހޫރު ތަރިއެއް ކަމަށްވާ ރަންބީރް ކަޕޫރު އެއްވެސް މީހަކާ ކައިވެނި ކުރުމަށް އޭނާގެ މައިންބަފައިން ބާރުނައަޅާ ކަމަށް އޭނާ ބުނެފިއެވެ. އޭނާ މިހެންބުނީ އޭނާގެ މަންމަ ނީތޫ ކަޕޫރު ދާދިފަހުން ލަންޑަނަށް ދިޔައީ ރަންބީރު ކައިވެނި ކުރުވުމަށްޓަކައި އަންހެން ކުއްޖަކާ ބައްދަލުކުރަން ކަމަށް ޚަބަރު ފެތުރުމުންނެވެ. ރަންބީރު އާއިލާގެ ރައްޓެއްސަކާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ބުނެފައިވަނީ ނިތޫ ކަޕޫރު ވަނީ އޭނާ ބޭނުންވާ މީހަކާ އިނުމަށް ރަންބީރު ގާތުން އެދިފައި ކަމަށެވެ. އެކަމަށް ރަންބީރު އެއްބަސްވުމުން އެކަން ވެގެންދިޔައީ އެންމެނަށްވެސް ލިބުނު ހައިރާން ކަމެއް ކަމަށް ރައްޓެހި މީހާއާ ހަވާލާދީ ނޫސްތަކުގައި ބުނެފައިވެއެވެ. މިކަމާ ގުޅިގެން ރަންބީރު ބުނެފައިވަނީ އެނާ ކައިވެނިކުރާނަމަ އެކަން ސިއްރު ނުކުރާނެ ކަމަށެވެ. އަދި އެނާގެ މަންމަ ލަންޑަނަށްދިޔައީ އޭނާ އިންނާނެ މީހަކު ހޯދަން ނުވަތަ ބައްދަލުކުރަން ނޫންކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. އާއިލާގެ އެއްވެސް މީހަކު ވަކި މީހަކާ އިނުމަށް އެނާއަށް ބާރުނައަޅާ ކަމަށް ރަންބީރުވަނީ ބުނެފައެވެ. އެކަން ނިންމަން އާއިލާއިންވަނީ އޭނާގެ އިޚުތިޔާރަށް ދޫކޮށްފައި ކަމަށް އޭނާ ބުންޏެވެ. “އަހަރެން ކައިވެނި ކުރާނީ އަހަރެން ލޯބިވާ މީހަކާ” އޭނާ ބުންޏެވެ.