English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރުނެތް ކަމުގެ ވޯޓެއް ނެގުމަށް މަޖިލީހަށް ވެއްދި ގަރާރުގައި 45 މެންބަރުން ސޮއިކުރެއްވުމަކީ ޕީޕީއެމް ކޯލިޝަނަށް މަޖިލީހުގައި އޮތް މެޖޯރިޓީ ގެއްލުން ނޫންކަމަށް އެޕާޓީގެ ސެކްރެޓަރީޖެނެރަލް ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. ޚަލީލް ވިދާޅުވީ އެއީ ރައްޔިތުން އެއްވެސް ވަރަކަށް ކަންބޮޑުވާންވީ ކަމެއްނޫން ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ހުންނެވީ ވަރަށް ވަރުގަދަ އަޒުމަކާއެކު މިގައުމު އިތުރަށް ތަރައްގީ ކުރެއްވުމުގެ ހިތްވަރުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ރައްޔިތުން ބޭނުންވާ ފުރިހަމަ ތަރައްގީއާއެކު ރައްޔިތުންގެ މަޖިލީސްތެރެއިން ޕީޕީއެމް ކޯލިޝަނުގެ މެޖޯރިޓީއަދިވެސް ފެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މަޖިލީހުގެ މެޖޯރިޓީ ފުރޮޅިގެން ނުދާނެ ކަމަށް އޭނާ ވަރަށް އިތުބާރާއެކު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ދިވެހިރައްޔިތުން އަދިވެސް ތިބީ ރައީސް ޔާމީނަށް ތާއިދު ކޮށްގެން އެމަނިކުފާނުގެ ފަހަތްޕުޅުގައި ކަމަށެވެ. ރައީސް ގެންދަވަނީ ރާއްޖޭގެ ތަރައްގީއަށް އެތައް ކަމެއް ކުރައްވަމުން ކަމަށްވެސް ޑރ. ޚަލީލް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައީސް ޔާމީނަށްއޮތް ތާއިދު ފާއިތުވި އިންތިޚާބުތަކުން ވަރަށް ރަނގަޅަށް އެނގިފައިވާ ކަމަށެވެ. އެއަށް ބަރޯސާވެތިބެ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުވެސް އެމަނިކުފާނު ކާމިޔާބު ކުރައްވާނެ ކަމަށް ޚަލީލް ވިދާޅުވިއެވެ.