English Edition
Dhivehi Edition

އެންޓި ޑިފެކްޝަން ބިލާއި ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅި އިސްލާހު މިއަދު މަޖިލީހަށް ބަލައިގެންފިއެވެ.

ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅުއްވި އިސްލާހުގެ ބިލު މަޖިލީހުން ބަލައިގަތީ، ހާޒިރުވެ ވަޑައިގެން ތިއްބެވި 36 މެމްބަރުންގެ ވޯޓުންނެވެ. އެންޓި ޑިފެކްޝަން ބިލު ބަލައިގަތީ 35 ވޯޓުންނެވެ

ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲއެވެ. އެންޓި ޑިފެކްޝަން ބިލު ހުށަހެޅީ ވިލިމާފަންނު ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކެވެ.

މި ދެ ބިލް ބަލައިގަތުމަށް ނެގި ވޯޓުގައި އިދިކޮޅު އެއްވެސް މެމްބަރަކު ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.

އެންޓި ޑިފެކްޝަން ބިލްގައިވާ ގޮތުން މަޖިލީހުގެ މެމްބަރަކު، ޕާޓީގެ ޓިކެޓުގައި އިންތިހާބުވުމަށް ފަހު، ޕާޓީން އަމިއްލަ އަށް ވަކިވުން، ވަކިކުރުން އަދި އެހެން ޕާޓީއަކާ ގުޅިއްޖެ ނަމަ، ގޮނޑި ގެއްލޭނެ އެވެ.

މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި އިންތިހާބުވާ މެމްބަރަކު އޭނާގެ އެ ދައުރުގައި ޕާޓީއަކާ ގުޅުމުގެ ފުރުސަތު ލިބެ އެވެ. މިނިވަން މެމްބަރަކު، ފުރަތަމަ ފަހަރަށް ޕާޓީއަކާ ގުޅިއްޖެ ނަމަ، ބިލްގައިވާ ގޮތުން އެ މެމްބަރުންނާ މެދު އަމަލު ކުރާނީ ޕާޓީ ޓިކެޓްގައި އިންތިހާބުވާ މެމްބަރުންނަށް ވެސް ކަނޑައަޅާފައިވާ އުސޫލެވެ.

ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގައި ވަނީ ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ، އެ މައްސަލައެއްގެ އިސްތިއުނާފްގެ މަރުހަލާތައް ނިމޭ ހިސާބުން އޮޓަމެޓިކުން އެ ފަނޑިޔާރަކު މަގާމުން ވަކިވާނެ ކަމަށެވެ. ގާނޫނުއަސާސީގެ 154 ވަނަ މާއްދާ އޮންނަ ގޮތުން ފަނޑިޔާރަކު ވަކި ކުރެވޭނީ މަޖިލީހުންނެވެ.

މި ދެ ބިލަށްވެސް މަޖިލީހުގައި މިއަދު ހެނދުނު މެމްބަރުން ބަހުސް ކުރެއްވިއެވެ. އަދި ވޯޓްދެއްވި ހުރިހާ މެމްބަރުން ވަނީ ވީހާ ވެސް އަވަހަކަށް އެ ބިލް ފާސް ކުރަން ތާއީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.