ސިޔާސީ ޕާޓީތަކުގެ މަޝްވަރާއާ ގުޅޭ ކަންކަމުގައި ސަރުކާރު ތަމްސީލް ކުރާ އިސް މަންދޫބު އަދި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު ސިއްރު މަޝްވަރާތަކެއް ސަރުކާރުން ކުރި ކަމަށެވެ.
ކުރީގެ ރައީސް ނަޝީދާއެކު ބޭއްވި މަޝްވަރާގެ މަޢުލޫމާތު ބައިނަލްއަޤްވާމީ ފަރާތްތަކަށްވެސް އެނގޭނެ ކަމަށް މިނިސްޓަރު ޝައިނީ ވަނީ މިއަދު ވިދާޅުވެފައެވެ. އެ ސިއްރު މަޝްވަރާތަކުގައި ބައެއް ކަންކަމާ މެދު އެއްބަސްވެވުނު ކަމަށްވެސް ޝައިނީ ވިދާޅުވިއެވެ.
ކަމާއިގުޅޭ ލިޔުންތައް ބަދަލުކޮށްފައިވާ ކަމަށާއި ޗެޓްލޮގްތައް ވެސް އެބަހުރި ކަމަށް އޭނާ ވަނީ ވިދާޅުވިއެވެ. އެ ލިޔުންތަކުގެ ތެރޭގައި ހުރި ކޮންޑިޝަންތަކެއް ވާހަކަދައްކައިގެން ބަދަލު ކުރެވި އެޖެންޑާއަކާއި ހަމަޔަށް އެބޭފުޅުންނަށް ވަޑައިގެންނެވުނު ކަމަށް ޑރ. ޝައިނީ ވިދާޅުވިއެވެ. އޭގައި ހުރިހާ ބޭފުޅުން ބައިވެރިވާކަން ޔަޤީންކޮށްދޭން އެބޭފުޅުން އެދިވަޑައިގެންނެވި ކަމަށް ވެސް ވިދާޅުވިއެވެ. އެހެން އެދި ވަޑައިގެންނެވުމުން އެބޭފުޅުންނަށް ލިބުނު މެސެޖަކީ ހުރިހާ ބޭފުޅުންގެ ބައިވެރިވުން އޮތްކަމަށް ކަންވެސް ވިދާޅުވިއެވެ. ނަމަވެސް އެކަން ކުރިޔަށް ގެންދަވާނީ ހުރިހާ ބޭފުޅުން ތިއްބަވައިގެން ކަމުގައި ނަޝީދު ވިދާޅުވެފައިވާތީ އެއީ ކޮން ބޭފުޅުންނެއް ކަމެއް އެ ބޭފުޅުންނަށް ސާފު ނުވާ ކަމަށް ވެސް މިނިސްޓަރ ޝައިނީ ވިދާޅުވިއެވެ.
މިހާރު ބަންދުކޮށްފައިވާ ފަނޑިޔާރުން ބެއިލްއެއްގެ ދަށުން ނަމަވެސް ދޫކޮށްލުމަށް ކުރީގެ ރައީސް ނަޝީދު ފަރާތްޕުޅުން ހުށަހެޅުއްވި ކަމަށް ޑރ. ޝައިނީ ވިދާޅުވިއެވެ.