އައްޑޫސިޓީ ހިތަދޫގައި މިހާރު ކުރިއަށްދާ “މޯލްޑިވްސް ބިޒްނަސް ސްކޫލް ވަގުތު ފުޓުސަލް ޗެލެންޖު” ގެ ސެމީގެ ފަހު ދެ ޖާގަ މައިލޯސިޓީ އެފްސީއާއި، ބޭރުމަތި ހޯދައިފިއެވެ. މައިލޯސިޓޯ ސެމީން ޖާގަ ހޯދީ ފެލްކަންސް އެފްސީއާ ބާއްދަލުކޮށް 8-2 ލަނޑުން މެޗު ކާމިޔާބުކޮށްގެންނެވެ. ހިތަދޫ މަނިކު ދަނޑުގައި މިރޭ ކުޅުނު މި މެޗުގައި މައިލޯ ސިޓީ އެފްސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. މެޗުގެ ފުރަތަމަ ލަނޑުޖެހީވެސް އެޓީމުންނެވެ. މެޗުގެ ކުރީކޮޅު އެލަނޑު ޖަހައިދިނީ އަހުމަދު ހަބީބެވެ. އެޓީމުގެ ދެވަނަ ލަނޑު ޖަހައިދިނީ ހަސަން އަލްފާފެވެ. ތިންވަނަ ލަނޑާއި، ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ އަލީ ސިޔާހުއެވެ. ފަސްވަނަ ލަނޑު ޖަހައިދިނީ އަހުމަދު ހަބީބެވެ. އަނެއް ދެލަނޑު ޖެހީ އަލީ ނަދީމާއި، މުހައްމަދު މަމްނޫނެވެ. ފެލްކަންސް އެފްސީގެ ދެ ލަނޑު ޖަހައިދިނީ އެޓީމުގެ ހުސައިން އާދިލާއި، ގޯލްކީޕަރު މުހައްމަދު ޝަރީފެވެ. ޝަރީފް ކާމިޔާބުކުރި ލަނޑަކީ ޕެނަލްޓީއަކުން ޖެހި ލަނޑެކެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މައިލޯ ސިޓީ އެފްސީގެ އަހުމަދު ހަބީބެވެ. މިރޭގެ ދެވަނަ މެޗުގައި ބައްދަލުކުރީ މަލްޓިޖީނިއަސްއާއި ބޭރުމަތި އެފްސީއެވެ. މިމެޗު ޕެނަލްޓީ ޖަހައިގެން 4-3 ލަނޑުން ކާމިޔާބުކުރީ ބޭރުމަތި އެފްސީ އެވެ. މިމެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާއަކީ 1-1 އެވެ. މި މެޗުގެ ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ބޭރުމަތި އެފްސީއެވެ. އެޓީމަށް ލީޑުނަގައިދިނީ އަލީ ހާފިޒެވެ. އެ ލަނޑަށްފަހު މާގިނަ ވަގުތެއް ނުވަނީސް މަލްޓި ޖީނިއަސް ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. އެ ލަނޑު ކާމިޔާބު ކޮށްދިނީ އެޓީމަށް ލިބުނު ހިލޭ ޖެހުމަކުން މުއާޒެވެ. މޯލްޑިވްސް ބިޒްނަސް ސްކޫލް ވަގުތު ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާ ލިބޭނެއެވެ. ދެވަނަ ޓީމަށް ތިރީސް ހާސް ރުފިޔާ ލިބޭނެއެވެ. މީގެ އިތުރުން އެންމެ ރަނގަޅަށް ސަޕޯޓް ކުރާ ޓީމަކަށް ދިހަހާސް ރުފިޔާ ލިބޭނެއެވެ. މިމުބާރާތުގެ މެއިން ސްޕޮންސަރުންނަކީ ތިލަފުށީ ކޯޕަރޭޝަނާއި، އެކްސްޓްރީމް އެވެ. މިމުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ މޯލްޑިވްސް ބިޒްނަސް ސްކޫލްއެވެ. މުބާރާތުގެ ކޯ-ސްޕޮންސަރަކީ ވިލާ ކޮލެޖާއި، ކޮންޓްރޯލް ޕީ އެވެ. ޓްރެވަލް ޕާޓްނަރަކީ މޯލްޑިވިއަން އެވެ. މުބާރާތުގެ ސްޕޯޓްސް ޕާޓްނަރަކީ ސޮނީ ސްޕޯޓްސް އެވެ. މުބާރާތުގެ މީޑިޔާ ޕާޓްނަރަކީ އެއޯ ނިއުސްއެވެ. އަދި މުބާރާތުގެ ބެވެރޭޖް ޕާޓްނަރަކީ ކޮކާ ކޯލާއެވެ. މުބާރާތުގެ ކޭޓަރިންގ ޕާޓްނަރަކީ ފާސްޓް ފުޑްއެވެ.