ބޮލީވުޑްގެ ބަތަލާ މަންޑައަނާ ކަރީމީ އޭނާގެ ފިރިމީހާ ގޯރަވް ގުޕްތައާއި އޭނަގެ މައިންބަފައިން ގެވެށި އަނިޔާކުރާކަމަށް ބުނެ ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ. ‘ކިޔާ ކޫލް ހޭ ހަމް3’ ގިނަ ބައެއްގެ މަގުބޫލުކަން ހޯދި މަންޑައަނާ އާއި ގޯރަވް ގުޕްތާ ކައިވެނިކުރީ ރައްޓެހިވެގެން ގިނަ ދުވަސްތަކެއް ވަންދެން އެކުގައި އުޅުމަށްފަހު މި އަހަރު ޖެނުއަރީ މަހުގައެވެ. ކައިވެންޏަށް ފަހު ގޯރަވްގެ އާއިލާއިން އެދުނު ފަދައިން މަންޑައަނާ ވަނީ ފިލްމީ މަސައްކަތްތަކާއި ދުރަށް ގޮސްފައެވެ. މަންޑައަނާގެ ދީން ބަދަލުކޮށްލުމަށް އޭނާގެ މައިދައިތަ މަޖުބޫރުކޮށްފައިވާއިރު މީގެ 07 ހަފްތާކުރިން އޭނާ ވަނީ މަންޑައަނާ ގެއިން ނެރެލާފައެވެ. މީގެ އިތުރުން އެކި ފަހަރުމަތިން މަންޑައަނާއަށް އޭނަގެ މައިދައިތަވަނީ އަނިޔާކޮށް މަލާމަތްކޮށްފައިވާ ކަމަށް މަންޑައަނާ ވަނީ ބުނެފައެވެ.މި މައްސަލައާއި ގުޅިގެން ނޫސްވެރިންނާއި ވާހަކަދައްކަމުން އޭނަ ބުނެފައިވަނީ އަދިވެސް ގޯރަވް އާއި އެކު ދިރިއުޅެން ބޭނުންވާކަމަށެވެ. އަދި ކޯޓަށް މައްސަލަ ހުށެހެޅީ ވަރިވާން ނޫންކަމަށާއި އޭނާ ބޭނުންވަނީ އަނބަކަށް ލިބެން ޖެހޭ ހުރިހާ ހައްގެއް އޭނާއަށްވެސް ލިބުންކަމުގައެވެ. “އަހަންނަށް އެގެއަށް ނުވަދެވުނަސް އަދި ގޯރަވްގެ އޮފީހަށް ނުވެދެވުނަސް އަހަންނަކީ އަދިވެސް އޭނަގެ އަނބިމީހާ. އެ މަގާމުގަ އަހަރެން އަދިވެސް ހުންނަން ބޭނުންވަނީ” މަންޑައަނާ ބުނެފައިވެއެވެ. މި މައްސަލައިގެ އަޑުއެހުންތައް 15 ޖުލައިގައި ބޭއްވުމަށް ހަމަޖެހިފައވާއިރު މިކަމާއި ގުޅޭ އެއްވެސް ވާހަކައެއް މީޑިއާގައި ގޯރަވް ދައްކާފައެއް ނުވެއެވެ. އެހެން ނަމަވެސް މަންޑައަނާ ބުނެފައިވަނީ ގޯރަވްގެ ރައްޓެހިންނާއި އާއިލާ މީހުން ކައިރީގައި ދެން އޭނާއާއި އެކު ދިރިއުޅެން ބޭނުން ނުވާކަމަށް ބުނެފައވާކަމަށެވެ. އަދި 07 މަސް ދުވަސްވީ ކައިވެނި ރޫޅާލަން ބޭނުންކަމަށް ގޯރަވް ބުނެފައިވާ ކަމަށެވެ.