ރާއްޖޭގެ އިގްތިޞާދީ މައިތަނބު ކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާއަކީ މިއަދު ދެޖިންސުގެ ޒުވާނުންވެސް މަސައްކަތް ކުރުމަށް އެންމެ ބޭނުންވާ ދާއިރާއެވެ. ކުރިއަށް ދިއުމަށް ގިނަ ފުރުސަތުތަކެއް ހުރި މިދާއިރާއަކީ ފިރިހެނުންނަށް ވަކި ޚާއްޞަ ދާއިރާއެއް ނޫނެވެ. އެއް ޒަމާނެއްގައި އެއީ ފިރިހެނުންނަށް ޚާއްޞަ މަސައްކަތަކަށް ވެ ރިސޯޓު ތަކުގައި އަންހެނުން މަސައްކަތް ކުރުމަކީ ދިވެހިން ބަލައި ނުގަންނަ ކަމަކަށް ވީނަމަވެސް މިއަދު ގިނަ ބައެއްގެ ވިސްނުން މިވަނީ ބަދަލުވެފައެވެ. ރިސޯޓުގެ މެނޭޖަރ ލެވެލް އިން ފެށިގެން އެންމެ އާދައިގެ މީހުންގެ ލެވެލްގައި ވެސް ދިވެހި އަންހެނުންނާއި އަންހެން ކުދިން މިދަނީ ފައި ހަމަކޮށް މަސައްކަތް ކުރަމުންނެވެ.
މަދު މަދުން ނަމަވެސް ކުރީގެ ވިސްނުން ގެންގުޅޭ މީހުން ނެތެކޭ ނުދެންނެވޭނެއެވެ. ރިސޯޓުތަކުގައި ތިމަތިމާމެންގެ އަންހެންދަރިން މަސައްކަތް ކުރުމަށް ނުފޮނުވާނެ ކަމުގައި ބުނާ ކުރީގެ ވިސްނުން ގެންގުޅޭ މީހުން ވެސް ތިބެއެވެ. ނަމަވެސް ރާއްޖޭގެ ރިސޯޓުތަކުގައި ޕްރޮފެޝަނަލް ކޮށް މަސައްކަތް ކުރާ ޒުވާން އަންހެން ކުދިން މިވަނީ އެފަދަ މީހުންގެ ވިސްނުން ބަދަލުކުރުވުން މަޖުބޫރުކޮށްފައެވެ.
އައްޑޫސިޓީގެ ގަމުގެ އީކުއޭޓަރ ވިލެޖުގައި އެކައުންޓެންޓް އެސިސްޓެންޓެއްގެ މަގާމުގައި މަސައްކަތް ކުރަމުންދާ އައިޝަތު ޙުސެއިން އަކީ މި ހިތްވަރާއެކު ފަތުރުވެރިކަމުގެ ދާއިރާއަށް އަލަށް ނިކުތް ޒުވާން އަންހެންކުއްޖެކެވެ.
“ސްކޫލްގައި ކިޔެވި އިރުވެސް ޓޫރިޒަމް ކިޔެވިން. މިއީ އެންމެ ކުޑައިރުއްސުރެ މަސައްކަތް ކުރަން ބޭނުންވި ދާއިރާއެއް” އޭއޯނިއުސް އަށް އައިޝާ ކިޔައިދިނެވެ.
“އައިޝާގެ ޕޭރެންޓްސް ވަރަށް ސަޕޯޓިވް މިކަމަށް. މީގެ ކުރިންވެސް އެހެން ރިސޯޓެއްގައި މަސައްކަތް ކުރިން. ފިރިމީހާ ވެސް ނުބުނޭ ދާއިރާގައި މަސައްކަތް ނުކުރާށެކޭ. އެންމެން ވެސް ވަރަށް ސަޕޯޓިވް. އައިޝާގެ ކުރިއެރުމަށް އެންމެން އެހީތެރިވެދޭ. ”
ސްކޫލް ނިންމާލުމަށްފަހު ހުޅުލޭ އެއާޕޯޓުގެ އަކުވާ ރެސްޓޯރެންޓުގައި މަސައްކަތް ކުރަން ފެށި ހިސާބުން އައިޝާގެ ޝައުގުވެރިކަން ޓޫރިޒަމް ދާއިރާއާ ދިމާއަށް ދިޔައެވެ.
“އެންމެ ކުރިން ވަޒީފާ އަދާކުރި ރިސޯޓަކީ މެދުފުށި. އެތަނުގައި ރިސެޕްޝަނިސްޓަކަށް ހުރީ. އެއީ ވަރަށް ތަފާތު މާހައުލެއް. ވަރަށް ޗެލެންޖިންގ. އެންމެ ބޮޑު ޗެލެންޖަކަށް ވީ ރަށާއި ދުރުގައި މަސައްކަތް ކުރަން ޖެހުން. 6 މަސް ފަހުން އެތަނުން އައީ. ދެން ކުއްޖަކު ވެސް ލިބުމާއެކު ދުވަސްކޮޅަކަށް ގޭގައި މަޑުކޮށްލީ ”
ދެވަނަ ފަހަރަށް އައިޝާ މިދާއިރާއަށް ނިކުތީ އައްޑޫސިޓީ ކައުންސިލާއި ވިލާ ކޮލެޖް އަދި އީކުއޭޓަރ ވިލެޖް ގުޅިގެން އައްޑޫގައި ކުރިއަށް ގެންދިޔަ ހޮސްޕިޓާލިޓީ ޓްރެއިނިންގ ޕްރޮގްރާމުގެ ތެރެއިންނެވެ. ފަތުރުވެރިކަމުގެ ދާއިރާއިން އައްޑޫގެ ޒުވާނުން ތަމްރީނުކޮށް ދާއިރާއަށް ޒުވާނުން ނެރެދިނުމުގެ މަގްޞަދުގައި ހިންގި މި ޕްރޮގްރާމު ހަމަ ވަރަށް ކާމިޔާބެވެ. ޕްރޮގްރާމުގައި ބައިވެރިވި ގިނަ ކުދިން މިހާރުވަނީ މި ދާއިރާގައި މަސައްކަތް ފަށާފައެވެ. އެގޮތުން އައިޝާއަށް ފުރުސަތު ލިބިގެން ދިޔައީ އީކުއޭޓަރ ވިލެޖުންނެވެ.
އީކުއޭޓަރ ވިލެޖްގެ މެނޭޖަރ ވަހީދު ވިދާޅުވީ އައިޝާއަކީ ވަރަށް ހީވާގިކޮށް މަސައްކަތް ކުރާ، ޒިންމާ ނަގަން އެނގޭ މަސައްކަތަށް ފަރުވާތެރި މުވައްޒަފެއް ކަމަށެވެ.
“އައިޝާގެ އުމުރާ އަޅާ ބަލާއިރު މަސައްކަތް ކުރާ ގޮތާއި ރަނގަޅު ކަމާ ދޭތެރޭ ހަމަ ހައިރާން ވޭ. އެހާވެސް ފުރިހަމައަށް އައިޝާ މަސައްކަތް ކުރޭ”
އައިޝާއަށް އީކުއޭޓަރވިލެޖުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެން ދިޔައީ ސަޓާ އެވޯޑުގައްޔާއި އަދި ޓްރެއިނިންގ ދުވަސްވަރު އެތަނުގައި ކުރި މަސައްކަތް ރަނގަޅުވުމުން ކަމަށް އައިޝާ ގަބޫލުކުރެއެވެ.
އައްޑޫސިޓީގައި 2017 ވަނަ އަހަރު ބޭއްވި ސަޓާ އެވޯޑުގައި އައިޝާމެންގެ ޓީމުން ވަނީ ބުރަކޮށް މަސައްކަތްކޮށްފައެވެ. އެއީ ލިބުނު އިންޓަނޭޝަނަލް އެކްސްޕީރިއެންސެއް ކަމަށް އައިޝާ ބުންޏެވެ.
“އީކުއޭޓަރ ވިލެޖު ގައި ޓްރެއިނިންގ ކުރިއަށް ގެންދިޔައިރު މިއީ މިތަނުގެ މުވައްޒަފުންނެއް ނޫނޭ އެއްމެ ފަހަރަކުވެސް ހިތަކަށް ނާރާ. މިތަނުން އައިޝާމެންގެ ޓީމަށް ވަރަށް ރަނގަޅަށް ކަންތައްތައް ކޮށްދިނީ. މުވައްޒަފުންނަށް ވެސް ނުހުންނަ އިނާޔަތްތަކާއި ފަސޭހަތައް މިތަނުން ލިބުނު. އެއީ ލިބުނު ވަރަށް ބޮޑު ހިތްވަރެއް. އަދި ވަކިން ބޮޑަށް މިތަނުގެ ސްޓާފުންގެ ފަރާތުން ލިބިގެންދިޔަ އެހީތެރިކަމަކީ އަބަދުވެސް ހަނދާން ހުންނާނެ ކަންތައްތަކެއް” އައިޝާ ކިޔައިދިނެވެ.
ސަޓާ އެވޯޑަކީ ތަޖުރިބާ ކުރި އިންޓަނޭޝަނަލް އިވެންޓެއް ކަމުގައި ބުނަމުން އައިޝާ ބުނީ ސަޓާގެ ސަބަބުން އައްޑޫގެ ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް ލިބިގެން ދިޔަކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އަދި ޓްރެއިނީއެއްގެ ގޮތުގައި އެ އިވެންޓުގައި މަސައްކަތް ކުރެވުނު ގޮތާމެދު ވަރަށް ވެސް ހިތްހަމަ ޖެހޭ ކަމަށް އޭނާ ބުންޏެވެ.
“އުއްމީދަކީ މިދާއިރާއިން ދެވުނު އެންމެ މައްޗަކަށް ދިއުން. އަންހެން ކުއްޖަކަށް ވިޔޭ ކިޔާފައި ކުރިއަށް ނުދެވޭނެ ދާއިރާއެއް ނޫން މިއީ. ހަމަ މަސައްކަތް ކުރަންވީ. ކޮންމެ ތަނެއްގައި މަސައްކަތް ކުރިޔަސް ކާމިޔާބު ކުރެވޭނެ ” އައިޝާގެ އުއްމީދަކީ މިއީއެވެ. އައިޝާއަށް ފާގަތި ކުރިމަގަކަށް އެދެމެވެ!