ދިއްގަރު ދާއިރާގެ މެމްބަރު އަޙުމަދު ފާރިސް މަޢުމޫނުގެ ދިފާޢީ ހެކީންގެ ގޮތުގައި 62 ބޭފުޅުންގެ ނަން ހުށަހަޅައިފިއެވެ.
ފާރިސްގެ މައްޗަށްކުރާ ރިޝްވަތުގެ ތުހުމަތުގެ ޝަރީއަތުގައި ހުށަހަޅާފައިވާ ހެކީންގެ ނަންތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ނަންފުޅު ވެސް ހިމެނެއެވެ. މި މައްސަލާއިގެ ދިފާޢީ ހެކިންގެ ގޮތުގައި މީގެ ކުރިން ވެސް ފާރިސްގެ ފަރާތުން ވަނީ47 ފަރާތެއްގެ ނަން ހުށަހަޅާފައެވެ. އަދި ކިތާބީ ހެކީގެ ގޮތުގައި 22 ހެއްކެއް ވަނީ ހުށަހަޅާފައެވެ.
މިއަދު ފާރިސްގެ މައްޗަށް ކުރާ ދަޢުވާގެ އަޑުއެހުމެއް ބާއްވާފައިވާ އިރު، މި އަޑުއެހުމުގައި ދިފާޢީ ހެކިންގެ ގޮތުގައި ރައީސް ޔާމީންގެ ނަމާއި، ބަންޑާރަ ނައިބު މުޙައްމަދު އަނިލްގެ ނަން އަދި ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ޝިހާމްގެ ނަންވެސް ވަނީ ހުށަހަޅާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރެއްގެ ނަން ވެސް ދިފާޢީ ހެކިންގެ ގޮތުގައި ހުށަހެޅުއްވި ލިސްޓްގައި ފާރިސް ވަނީ ހިމަނުއްވާފައެވެ. މީގެ ތެރޭގައި ސަރުކާރު ކޯލިޝަންގެ މަޖިލިސް ބައެއް މެމްބަރުން ވެސް ހިމެނެއެވެ. މީގެ އިތުރުން ކުރީގެ ޕޮލިސް ކަމިޝަނަރ އަޙުމަދު އަރީފްގެ ނަމާއި، މިހާރުގެ އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒުގެ ނަން ވެސް ވަނީ ހުށަހަޅުއްވާފައެވެ.
ފާރިސްގެ މައްޗަށް ތުޙުމަތު ކޮށްފައިވަނީ ރައްޔިތުންގެ މަޖިލިސް މެމްބަރުންނަށް ރިޝްވަރު ދެއްވިކަމުގެ ތުޙުމަތެވެ. ފާރިސްގެ މައްޗަށްކުރާ ދައުވާގެ މިއަދުގެ އަޑުއެހުމުގައިވެސް ބައެއް ކިތާބީ ހެކިވަނީ ފާރިސްގެ ދިފާއީ ހެކީގެ ގޮތުގައި ހުށައަޅާފައެވެ.