ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭގެ ނިތިކްގެ ރޯލުން އާއްމުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ކަރަން މެހެރާއަށް ދަރިއަކު ލިބިއްޖެއެވެ. ކަރަން އާއި ނިޝާގެ ފުރަތަމަ ދަރިފުޅު “ކާވިޝް” އުފަންވެފައިވަނީ މިދިޔަ ޖޫންމަހުގެ 14 ވަނަ ދުވަހުގައެވެ. އަލަތު ދަރިފުޅާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ކަރަން ބުނެފައިވަނީ މިހާރު ދިރިއުޅުމުގައި އެންމެ އިސްކަމެއް ދެވޭ ފަރާތަކީ ކާވިޝް ކަމުގައެވެ.ކުރިން ދަރިފުޅަށް ކިޔާނެ ނަމަކާއި މެދު ވިސްނައިފައިނެތް ނަމަވެސް ހޮސްޕިޓަލުގައި ނަން ރަޖިސްޓްރީ ކުރުމަށްޓަކައި ދެމީހުންގެ ނަމާއި ގުޅުވައިގެން ކާވިޝް ކިޔާފައިވާ އިރު، އެ ނަމާއި މެދު ވަރަށް ހިތްހަމަޖެހޭ ކަމަށް ކަރަން ވަނީ ބުނެފައެވެ. މީގެ އިތުރުން ކަރަން ބުނެފައިވަނީ ދަރިފުޅު ލިބުނު ފަހުން ނިޝާ އާއި އޭނާގެ ގުޅުން މާ ބޮޑަށްވެސް ބަދެހިވެފައިވާ ކަމުގައެވެ. “ކުރިން އަބަދުވެސް ދައްކަން ހުންނަނީ ދެމީހުންގެ އަމިއްލަ ވާހަކަ. އެކަމަކު މިހާރު ކާވިޝްގެ ވާހަކަ ދައްކާ ހުހެއް ނުވޭ. މީ އަހަރެމެން ދެމީހުންގެ ވެސް ދިރިއުޅުމުގެ މަގުސަދު. މިހާރު ނިޝާ ކައިރީ ބުނަން ޖެހެނީ ނިޝާދެކެ ވަރަށް ލޯބިވެއޭ. އެކަމަކު އެންމެ ލޯބިވަނީ ކާވިޝްދެކެއޭ.” އާއިލާގެ ގުޅުމާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން ކަރަން ބުންޏެވެ. ކާވިޝް ދުނިޔެއަށް އުފަންވުމުން ދެމީހުންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އައި ނަމަވެސް އެ ބަދަލުތަކަކީ އުފާވާކަހަލަ ރަގަޅު ބަދަލުތަކެއް ކަމަށް ކަރަން ވަނީ ބުނެފައެވެ. ދެމީހުންވެސް ގިނަ ވަގުތު ދަރިފުޅާއެކު ވަގުތު ހޭދަކުރަމުންދާއިރު މިހާރު ދަރިފުޅުގެ ޝެޑިއުލްއަށް ހޭނިފައިވާކަމަށް ކަރަން ވަނީ ބުނެފައެވެ. ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭގައި ނަކްޝްގެ ބައްޕަގެ ރޯލު އަދާކޮށްފައިވާ ކަރަން ބުނެފައިވަނީ ޑްރާމާގައި އަނބިމީހާއަށް އެހީތެރިވި ގޮތަށް ހަގީގީ ދިރިއުޅުމުގައިވެސް އެހީވަމުންދާކަމުގައެވެ. އަދި އެ ޑްރާމާއިން ލިބުނު ތަޖުރިބާތަކުގެ ބޭނުން މިއަދު ވަރަށް ރަގަޅަށް ހިފަމުންދާ ކަމުގައި ކަރަންވަނީ ބުނެފައެވެ