English Edition
Dhivehi Edition

އިދިކޮޅު ޕާޓީތަކުން ރާއްޖެ މިހާރު އޮތް ޙާލަތަކީ މަޝްވަރާ ކުރުން މުހިއްމު ޙާލަތެއްކަމަށް ދެކިވަޑައިގެން، ކަންބޮޑުވުންތަކާއި ހުށަހެޅުން ތަކެއް ސިޓީއަކުން ރައީސް ޢަބްދުﷲ ޔާމީނަށް ދަންނަވައިފި އެވެ.

އެމްޑީޕީގެ ޗެއާޕާސަން ޙަސަން ލަޠީފާއި ،ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. ޙުސެއިން ރަޝީދާއި، ޢަދާލަތު ޕާޓީގެ ނައިބު ރައީސް ޢަލީ ޒާހިރު އަދި ރައީސް މަޢުމޫން ޢަބްދުލް ޤައްޔޫމްގެ ފަރާތްޕުޅުން ދަރިކަނބަލުން ޔުމްނާ މަޢުމޫން މަޝްވަރާއާ ގުޅޭ ގޮތުން ފޮނުއްވި ސިޓީގައި ސޮއި ކުރައްވާފައިވެއެވެ.

ހުޅުވިފައިވާ މި ސިޓީގައި ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ކަންކަންކަމަށް ޙައްލެއް ހޯދުމަށް ކުރަންޖެހޭ ކަމަށް އެ ފަރާތްތަކަށް ފެންނަ ކަންތައް ލިޔުއްވާފައި ވެއެވެ. އެ ގޮތުން ކުއްލި ނުރައްކަލުގެ ޙާލަތު އުވާލައި އޭގެ ދަށުން ބަންދުކޮށްފައިވާ އެންމެން ދޫކޮށްލައި އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރަން ޖެހޭ ކަމަށް ލިޔެފައިވެއެވެ. އިސްވެދިޔަ ޝަރުތުތައް ޤަބޫލުކޮށް، އެއާ އެއްގޮތަށް ޢަމަލު ކުރުމަށްފަހު އދ. ގެ ބައިވެރިވުމާއެކު ބޭއްވޭ “ޕްރޮކްސިމިޓީ ޓޯކްސް” އަކަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ފުރިހަމައަށް ތާޢީދު ކުރުމާއެކު މަޝްވަރާގައި ބައިވެރިވާނެ ކަމަށް ވެސް ސިޓީގައިވެ އެވެ އދ. ބައިވެރި ކުރުމާމެދު ސަރުކާރުގެ ދެބަސްވުންތަކެއް އޮތް ކަމަށް ޤަބޫލުކުރާ ކަމަށްވެސް ލިޔެފައިވެއެވެ. އެހެން ނަމަވެސް އދ. ބައިވެރިކުރުމަކީ ވާހަކަތަކުގެ ވަރަށް އަސާސީ ސިފައެއް ކަމަށް ވެސް ޕާޓީތަކުން ބުނެފައި ވެއެވެ. މިކަމުގެ އިތުރުން އެހެން ކަންކަން ހުރި ނަމަވެސް ދެ ފަރާތުން ވެސް ޕްރޮކްސިމިޓީ ޓޯކްސް ފެށުމާމެދު އެއްބަސްވެވިދާނެ ކަމަށް ވެސް ލިޔެފައިވެއެވެ.

މަޝްވަރާގައި އދ. ބައިވެރިކުރުމާ މެދު ރައީސް ޔާމީން ސަރުކާރުގެ ވިސްނުން ދެބައިވެފައިވާ ކަމަށާއި އަދި މި މައްސަލަ ޑެޑްލޮކްއަކަށް ގޮސްފައިވާކަން އިދިކޮޅު ފަރާތްތަކަށް ވަރަށް ސާފު ކަމަށް ލިޔެފައިވެއެވެ. މަޝްވަރާތަކާ ގުޅޭ ގޮތުން އދ. ގެ ދައުރާމެދު ސަރުކާރުން ގެންގުޅުއްވާ ވިސްނުން ސާފުނުވުމަކީ ބަލައިގަންނަން ދަތި ކަމެއް ކަމަށް ޕާޓީތަކުގެ ސިޓީގައިވެ އެވެ. މަޝްވަރާ ކުރުމުގައި އދ. ހިމެނުމާއިމެދު ސަރުކާރު ޑެޑްލޮކަކަށް ގޮސްފައިވާ ކަން އެނގޭ ކަމަށާއި އޭގެ ސަބަބުން މަޝްވަރާތައް ހުއްޓިފައިވާއިރު އޭގެ ހުރިހާ ދެރައެއް ލިބެނީ ރައްޔިތުންނަށް ކަމަށް ލިޔެފައިވެއެވެ. އެހެން ކަމުން ކުއްލި ޙާލަތު އުވާލައި ދުސްތޫރީ ވެރިކަން ވީހާވެސް އަވަހަކަށް ޢިޔާދަކުރުމަށް ވެސް ޕާޓީތަކުން ގޮވާލި އެވެ. އިންތިހާއަށް ގޯސްވެފައިވާ ޙާލަތުގެ ފުރިހަމަ ޒިންމާ ރައީސް ޔާމީންގެ ސަރުކާރުން ނަގަންޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

އީޔޫއިން މަޝްވަރާތައް ފެށުމަށާއި އެކަން އެގޮތަށް ނުކޮށްފިނަމަ ވަކިވަކި ފަރާތްތަކާމެދު ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް ބުނެފައި އޮތުމަކީ ކަންބޮޑުވާ ޙާލަތެއް ކަމަށް ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ ސިޓީގައިވެއެވެ.

ސަރުކާރުގެ ގޮތް ދޫނުކުރުމުގެ ސަބަބުން މިކަން އިތުރަށް ދިގުލައި ލަސްވެ ސާފުނުވެ ދިޔުމަކީ ރާއްޖެއަށް އިޤްތިޞާދީ ފިޔަވަޅު އެޅުމަށް މަޖުބޫރުވާނެ ޙާލަތެއް ކަމަށާއި އެއީ އެބޭފުޅުން ކަންބޮޑުވާ ކަމެއް ކަމަށް ބުނެފައިވެއެވެ. މިކަމުގެ ސަބަބުން ރާއްޖެއަށް ލިބޭ އިންވެސްޓްމެންޓް ތަކަށާއި ވަކިން ޚާއްޞަކޮށް ފަތުރުވެރިކަމަށް ހީނަރުކަން އަންނާނެ ކަމަށާއި މުޅި އިޤްތިޞާދަށް ގެއްލުންވެ ރައްޔިތުންނަށް އެކަމުގެ ނޭދެވޭ އަސަރުކުރާނެ ކަމަށް ވެސް ޕާޓީތަކުން ބުނެފައިއެވެ.

މަޝްވަރާތައް ފެށުމުގެ ޕްރޮސެސް ކުރިއަށް ގެންގޮސްދިނުމުގެ ރަސްމީ ދަޢުވަތުދީ އަދި މި މަޝްވަރާތަކުގައި އދ. ބައިވެރިވުން އޮތުމާމެދު ސަރުކާރުން ދެކޭ ގޮތް އޮޅުން ނާރާފަދަ ގޮތަކަށް ހޯދައިދިނުމަށް އެދި މިއަދު އދ.ގެ ސެކްރެޓްރީ ޖެނަރަލަށް ސިޓީއެއް ފޮނުވާފަވާ ކަމަށްވެސް ސިޓިގައި ވެއެވެ. ދެ ފަރާތުގެ ލީޑަރުންގެ މެދުގައި އދ. މެދުވެރިވެ ހިންގާ ވާހަކަތަކަށް ފުރިހަމައަށް ތައްޔާރުވުމުގެ ގޮތުން ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ބެން އެމާސަން ކިއުސީ ލީޣަލް އެޑްވައިޒަރެއްގެ ގޮތުގައި އައްޔަންކޮށްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

ދެ ފަރާތުން ވެސް ހުށަހަޅާ ކަންކަމާއި ދެކޭ ގޮތް އާންމު ރައްޔިތުންނަށާއި ބައިނަލްއަގްވާމީ މުޖުތަމައުއަށް ވަޒަންކުރެވޭނެ ގޮތް ހެދުމަށް ފޮނުވި ހުޅުވިފައިވާ ޕާޓީތަކުގެ ސިޓީގައި ޖަވާބުގައި ސަރުކާރުން ވެސް އެފަދަ ހުޅުވިފައިވާ ސިޓީއެއް ފޮނުއްވުމަށް ވެސް ޕާޓީތަކުން އެދިފައިވެ އެވެ.

މިސިޓީއާއި ބެހޭ ގޮތުން ސަރުކާރުން އަދި ވަކި އެއްޗެއް ވިދާލުވެފައެއް ނުވެއެވެ.