އިދިކޮޅު އެންމެ ބޮޑު ތިން ޕާޓީ އުވާލުމަށް ޕީޕީއެމުން އިލެކްޝަން ކޮމިޝަނަށް ގޮވާލައިފިއެވެ. ސަރުކާރާއި ދެކޮޅަށް މިވަގުތު އެންމެ ބޮޑަށް މަސައްކަތްކުރާ އެމްޑީޕީ އާއި ޖޭޕީއާއި އަދާލަތު ޕާޓީ އުވާލަން ޕީޕީއެމުން ގޮވާލާފައިވަނީ ރޭ އެޕާޓީން ބޭއްވި ނިއުސް ކޮންފަރެންސްގައި އެޕާޓީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަޙީމް އަބްދުﷲ އެވެ.
އަބްދުއްރަޙީމު ވިދާޅުވީ އެ ތިން ޕާޓީ އުވާލަން ޖެހޭ ސަބަބަކީ އެޕާޓީތަކަކީ ގައުމަށް ހެޔޮއެދިގެން މަސައްކަތްކުރާ ޕާޓީތަކަކަށް ނުވުމާއި އެޕާޓީ ތަކަކީ ޤާނޫނު ތަކުގެ ބޭރުން މަސައްކަތް ކުރާ ޕާޓީ ތަކަށް ވުމެވެ..
މި ކޮންފަރެންސްގައި އެމްޑީޕީއާއި ޖޭޕީ އަދި އަދާލަތު ޕާޓީއަށް ދައުލަތުން ފައިސާ ދޫނުކޮށް އެ ޕާޓީ ތަކަށް މިއަހަރު ދޭންޖެހޭ ފައިސާ ހިފެހެއްޓުމަށްވެސް އަބްދުއްރަޙީމު ޢަބްދުﷲ އިލެކްޝަން ކޮމިޝަނަށް ގޮވާލެއްވިއެވެ.
އަބްދުއްރަޙީމު ވިދާޅުވީ މަގުމައްޗަށް ނުކުމެ ހަމަނުޖެހުން ހިންގުމާއި، ފުލުހުންނާއި ސިފައިންނަށް ޖެއްސުން ކުރުން ފަދަ ކަންކަމަކީ އެއްވެސް ގާނޫނަކުން ޖާގަ އޮތް ކަމެއް ނޫން ކަމަށެވެ. އަދި ގައުމަށް ހެޔޮނޭދި، ގައުމުގައި ހަމަނުޖެހުން އުފައްދަން އެ ޕާޓީ ތަކުން މަސައްކަތް ކުރާ ކުރުމަކީ ގާނޫނާ ޚިލާފަށް ކުރާ ކަންތައްތައް ކަމުގައެވެ.
ގާނޫނީ ގޮތުން ޕާޓީތަކާމެދު އެޅެން އޮތް އެންމެ ހަރުކަށި އަދަބު ދިނުމަށް ޕީޕީއެމުން ގޮވާލާފައި މިވަނީ އެ 3 ޕާޓީގެ އެންމެ އިސް ބޭފުޅުންވެސް ޖަލުގައި ބަންދުކުރެވިފައި ވަނިކޮށެވެ. ޕާޓީއާމެދު ޤާނޫނީގޮތުން އެޅެން އޮތް އެންމެ ބޮޑު ފިޔަވަޅަކީ ޕާޓީ އުވާލުމެވެ.