English Edition
Dhivehi Edition

ޤައުމަށް ޣައްދާރުވާ މީހުން އުޅޭ ޕާޓީތަކާއި އެފަދަ ޕާޓީތައް އުވާލެވޭނެ ގޮތެއް ޤާނޫނުގެ ތެރެއިންވެސް ހޯދަން ޖެހޭ ކަމަށް ޕީޕީއެމުން ބުނެފިއެވެ.

ރޭ ޕީޕީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ނައިބު ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ ޤައުމަށް ޣައްދާރުވާ މީހުން އުޅޭ ޕާޓީތަކާއި އެފަދަ ޕާޓީތައް އުވާލެވޭނެ ގޮތެއް ޤާނޫނުގެ ތެރެއިންވެސް ހޯދަން ޖެހޭ ކަމަށެވެ.

މިހާރު އޮތް ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ ތެރެއިން ނުވަތަ ޤާނޫނަށް ބަދަލު ގެނެސްގެން ނަމަވެސް ޤައުމަށް ޣައްދާރުވެ ހަމަނުޖެހުން ހިންގުމަށް މަސައްކަތްކުރާ ޕާޓީތައް އުވާލަން ޖެހޭކަމަށާއި އެކަން ކުރުމަށް ޢަބްދުއްރަޙީމް ވަނީ ކަމާބެހޭ އިދާރާތަކަށް ގޮވާލާފައެވެ.

މި ދަނޑިވަޅަކީ ސިޔާސީ ޕާޓީތަކަށް ދަޢުލަތުން ދޭންޖެހޭ ފައިސާދޭން ޖޭހޭ ދަނޑިވަޅު ކަމަށާއި ނަމަވެސް އެޕާޓީތަކަށް ފައިސާ ދޫނުކުރުމަށް ޢަބްދުއްރަޙީމް ގޮވާލެއްވިއެވެ. އޭގެ ތެރޭގައި އެމްޑީޕީއާއި ޖުމްހޫރީ ޕާޓީ އަދި ޢަދާލަތު ޕާޓީގެ ނަން ވަނީ ފާހަގަ ކުރައްވާފައެވެ. އަބްދުއްރަހީމް ވިދާޅުވީ ދައުލަތުން ދޭ ފައިސާ ބޭނުންކޮށްގެން ދައުލަތާއި ދެކޮޅަށް މަސައްކަތްކޮށް ޤައުމުގެ ހަމަޖެހުން ނަގާލަން ޕާޓީތަކަށް މަސައްކަތް ނުކުރެވޭނެ ކަމަށެވެ.

ޢަބްދުއްރަޙީމް ވަނީ ތަންތާނގައި އަލިފާން ރޯކޮށް ހަމަޖެހުން ނަގާލުމަށް މަސައްކަތް ކުރާ ފަރާތްތަކަށް ދެވޭނެ އެންމެ ހަރުކަށި އަދަބުވެސް ދިނުމަށް ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ގޮވާލައްވާފައެވެ. ރޭގެ މި ބައްދަލުވުމުގައި އެޕާޓީންވަނީ އިދިކޮޅު ޕާޓީތަކުގެ ޓީމްތައް ރާއްޖެއިން ބޭރުގައި ރާއްޖެއާއިމެދު ފިޔަވަޅު އެޅުމަށް މަސައްކަތް ކުރަމުން ގެންދާކަމަށް ބުނެ އެކަންވެސް ކުށްވެރިކޮށްފައެވެ.

ރާއްޖެއިން ބޭރުގައި ތިއްބަވައިގެން އިދިކޮޅު ފަރާތްތަކުން ވެސް ދަނީ ސަރުކާރަށް ފާޑު ވިދާޅުވެ އަޑު އުފުލަމުންނެވެ. އިދިކޮޅު ފަރާތްތަކުގެ އެކްޓިވިސްޓުންނާއި އިސް ސަފުގައި ޙަރަކާތްތެރިވާ ފަރާތްތަކުން ދަނީ މާލޭގެ މަގުތަކުގައި ކޮންމެ ރެއަކުހެން ނިކުމެ ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކުރަމުންނެވެ. މިމުޒާހަރާ ތަކުގެ ތެރޭން ގިނަ ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަމުން ދެއެވެ.