ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް، އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމަށް ނިންމަވައިފިއެވެ މައުމޫން ސިޔާސީ ޕާޓީ އުފައްދަވަނީ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ ނަމުގަ އެވެ.
ރައީސް މައުމޫނަށް ތާއީދު ކުރައްވާ ފަރާތްތަކާއެކު މިއަދު ހަވީރު ސޯލްކޭފޭ ގައި ބޭއްވި ބައްދަލުވުމަށް ފަހު، ނޫސްވެރިންނަށް މައުލޫމަތު ދެއްވަމުން އެމަނިކުފާނުގެ “ކޯ ގުރޫޕު” އަދި ސަޕޯޓަރުންނާއެކު ބޭއްވި ބައްދަލުވުމުގައި މަޝްވަރާ ކުރެއްވުމަށް ފަހު ސިޔާސީ ދާއިރާ ގައި މަސައްކަތް ކުރުމަށް މައުމޫން ރީފޯމް މޫވްމަންޓް (އެމްއާރުއެމް) ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.
އެމްއާރްއެމްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށްޓަކައި ފޯމު ވެސް ނަންގަވާފައިވާ ކަމަށް ވެސް މައުމޫނު ވިދާޅުވިއެވެ. މައުމޫން ވިދާޅުވީ، އާ ސިޔާސީ ޕާޓީ ރަޖިސްޓްރީ ކުރުމުގެ މަސައްކަތް މިއަދުން ފެށިގެން ފަށައިގެންފައިވާ ކަމަށާއި ލަސްތަކެއް ނުވެ ގާނޫނުގައި ބުނާ 3،000 މީހުންގެ މެމްބާޝިޕް ފޯމް އިލެކްޝަން ކޮމިޝަނަށް ހުށަހަޅާނެ ކަމަށެވެ.
ރައީސް މައުމޫން އެމްއެމްއާރްއެމްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދެވުމަށް ނިންމަވާފައި މިވަނީ އެމަނިކުފާނު އިސްވެ ހުންނަވައިގެން އުފެއްދެވި ޕީޕީއެމް އަނބުރާ އެމަނިކުފާނަށް ލިބިދާނެ ކަމުގެ އުއްމީދު ކުޑަވެފައި ވަނިކޮށެވެ.
މައުމޫން ވިދާޅުވީ، އާ ސިޔާސީ ޕާޓީ ހައްދަވަން މަސައްކަތް ފެށީ ސުޕްރީމް ކޯޓުން ޕީޕީއެމްގެ ދެ މައްސަލައިގެ ތެރެއިން އެއް މައްސަލަ އަށް މިހާރު ގޮތެއް ނިންމާފައިވާތީ، އެޒާތުގެ އެފަދަ އެހެން މައްސަލަ އެއް ސުޕްރީމް ކޯޓުން ކުރިއަށް ނުގެންދަވާނެ ކަމަށް ގާނޫނީ ބޭފުޅުން އެމަނިކުފާނަށް ލަފާ ދެއްވުމުން ކަމަށެވެ. އަދި މިހާރު ހުކުމް އިއްވާފައި ނުވާ ޕީޕީއެމްގެ މިލްކުވެރިކަމާ ބޭހޭ މައްސަލަ ނީމޭނެ ވަކި ދުވަހެއްވެސް އެނގިވަޑައި ނުގަންނަވާތީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޕީޕީއެމްގެ ކުއްލި ކޮންގްރެސްގައި އެޕާޓީގެ ރައީސް ކަމަށް ހަމަޖައްސާފައިވަނީ ކުރީގެ ރައީސް އަދި ރައީސް މައުމޫންގެ ކޮއްކޮ އަބްދުﷲ ޔާމީން އެވެ.
ރައީސް މައުމޫން އިސްވެ ހުންނަވައިގެން މީގެކުރިން ވަނީ ޑީއާރްޕީއާއި ޕީޕީއެމް އުފައްދަވާފަ އެވެ.