ހދ. ނޮޅިވަރަމްގައި މިމަހުގެ 2 ވަނަ ދުވަހު ދަންޖެހިފައި ހުއްޓާ ފެނުނު ޝާހިދާ ޢަލީގެ ޕޯސްޓްމޯޓަމް ހަދައިފިއެވެ.
ޝާހިދާ ދަން ޖެހިފައި ހުއްޓާ ފެނުނީ ގޭގެ ގިފިލީގައެވެ. ގިފިލީގެ ފުރާޅުގައި ވާގަނޑެއް އައްސައިގެން ދަން ޖެހިފައި ހުރިއިރު ވާގަނޑު އައްސާފައި ވަނީ 12 ވަރަކަށް ފޫޓް އުހުގައެވެ. ޝާހިދާ އަށް އެހައި އުހުގައި ވާގަނޑު އެއްސިދާނެ ތޯ ބައެއް މީހުން ސުވާލު އުފައްދައެވެ. އެސަރަޙައްދުގައި ގޮނޑިއެއް ފަދަ އެއްވެސް އެއްޗެއް ވެސް ނެތް ކަމަށް ވެއެވެ.
ޝާހިދާގެ މަރާއި މެދު ޝައްކުތަކެއް ވަނީ އުފެދިފައެވެ. ޢާއިލާގެ ފަރާތުން އެއީ އަމިއްލަ މަރެއް ކަމަކަށް ޤަބޫލު ނުކުރެއެވެ. ޝާހިދާގެ ކަރުގައި ވާގަނޑު އައްސާފައި ހުރި ގޮތުން އޭނާގެ މަރާމެދު ޝައްކުތަކެއް އުފެދޭ ކަމަށް ޝާހިދާ ދަންޖެހިފައި ހުއްޓާ ފެނުނު މީހުން ބުނެފައިވާ ކަމަށް އެމީހުންނާއި ޙަވާލާދީ ބައެއް މީޑިއާ ތަކުން ވަނީމީގެ ކުރިން މަޢުލޫމާތު ގެނެސް ދީފައިވެއެވެ.
ޕޯސްޓްމޯޓަމް ހެދުމަށްފަހު ޝާހިދާގެ ހަށިގަނޑު މިރޭ ރާއްޖެ ގެންނަން ކުރިން އޮތީ ހަމަޖެހިފައެވެ. ނަމަވެސް އަދި ޝާހިދާގެ ހަށިގަނޑު ރާއްޖެ ގެނެސްފައެއް ނުވާއިރު، ޝާހިދާގެ ހަށިގަނޑު ރާއްޖެ ގެނައުން ލަސްވާ ސަބަބެއް ފުލުހުންގެ އިދާރާ އިން އަދި ސާފުކޮށް ދެއްވާފައެއް ނުވެއެވެ.
ޝާހިދާ އަކީ ނަފްސާނީ ބަލި މީހެކެވެ. މިދިޔަ ޑިސެމްބަރު މަހު ވެސް އޭނާ ގެއްލިގެން ހޯދާފައިވެއެވެ. އެފަހަރު އޭނާ ފެނުނީ ގެއްލުނުތާ ދެދުވަސް ފަހުންނެވެ.