އިދިކޮޅު ފަރާތްތަކުން ރައީސް ޔާމީން މަޤާމުން ވަކި ކުރަން މަސައްކަތް ކުރި ކަމުގައި ވިޔަސް އެމަނިކުފާނު އަޒުލުކުރަން ބޭނުންވާ 57 ވޯޓު ހަމަނުވާނެ ކަމަށް ޕީޕީއެމުން މިއަދު ބުނެފި އެވެ.
ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޔާމީން މަގާމުން ވަކިކުރުމަކީ އިދިކޮޅުފަރާތްތަކަށް ކުރުން ގާބިލު ކަމެއް ނޫން ކަމަށް އެޕާޓީގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވަނީ ވިދާޅުވެފައެވެ. އަދި އެފުރުސަތު އިދިކޮޅު ފަރާތްތަކަށް ނުދޭނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލިސްގެ ތެރެއިން ވެރިކަން ބަދަލު ކުރަން އިދިކޮޅު ފަރާތްތަކުން އެވިދާޅުވާ ގޮތަކަށް އިރާދަކުރެއްވިއްޔާ އެބޭފުޅުން އެކަން ވިޔަކަ ނުދެއްވާނެ ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އިރާދަކުރެއްވިއްޔާ ވެރިކަން ބަދަލެއް ނުކުރެވޭނެކަމަށް ވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. “އެފުރުޞަތެއް ރައްޔިތުންގެ މަޖިލީހަކުން އަޅުގަނޑުމެން އިދިކޮޅު ފަރާތްތަކަށް ނުދޭނަން އިނގޭތޯ.” ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
މިހާރުވެސް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތީ ޕީޕީއެމް އާއި އެމްޑީއޭ ކޯލިޝަންގައި ކަމަށާއި އަދި ރައްޔިތުންގެ މަޖިލީހުން ރައީސް ޔާމީން އަޒުލު ކުރަން ބޭނުންވާ 57 ވޯޓު އިދިކޮޅު ފަރާތްތަކަށް ހަމަ ވިޔަ ނުދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް އަބްދުﷲ ޔާމީނަކީ “މުރަނގަ ގަސް ދޮށު މާލިމީ” ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާތީ އެކަމަށް ވެސް ޢަބްދުއްރަޙީމް ވަނީ ރައްދު ދެއްވާފައެވެ. އޭނާ ވިދާޅުވީ ރައީސް ޔާމީނަކީ ފަޅުތަކާއި ގިރިތައް ރަނގަޅަށް ދެނެވަޑައިގެން ހުންނެވި ކުޅަދާނަ މާލިމީއެއް ކަމަށެވެ.