English Edition
Dhivehi Edition

މާފުށީ ޖަލަށް އެކަހެރި ބައްދަލުވުމަކަށް ދިޔަ އަންހެނަކު ހެދުމުގެ ތެރެއަށްލާ ފޮރުވައިގެން ދެ ފޯނު ވައްދަން އުޅެނިކޮށް އެތަކެތި ކަރެކްޝަން ސާވިސްއިން އަތުލައިގެންފިއެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އެ އަންހެންމިހާ ބަލާފާސްކުރުމުގެ ތެރޭގައި ނޮކިޔާ ދެ ފޯނާއި، ފަސް ސިމްކާޑާއި، ފަސް އެސްޑީ މެމޮރީ ކާޑާއި، ދެ ޗާޖަރާއި ދެ ފޯނު ބެޓެރީގެ އިތުރުން ޗާޖަރަކާއިއެކު އޮތް ވަޔަލެސް ހެޑްސެޓަކާއި ދެ ސުޕަރ ގްލޫ ފުޅި ފެނިފައިވާ ކަމަށެވެ.

ރޭ މާފުށީ ޖަލަށް އެއަންހެން މިހާ ގޮސްފައިވަނީ ގައިދީންނަށްދޭ އެކަހެރި ބައްދަލުވުމުގެ ފުރުސަތުގައި އޭނާގެ ފިރިމީހާއާ ބައްދަލު ކުރުމަށެވެ. ފިރިމީހާ އާ ބައްދަލުކުރަން އެއަންހެން މިހާ ގޮސްފައިވަނީ އޭނާގެ 11 މަހުގެ ކުޑަ ދަރިފުޅު ވެސް ގޮވައިގެން ކަމަށް ކަރެކްޝަނުން ބުނެއެވެ.

އެ އަންހެން މިހާ މިހާރު ވަނީ ފުލުހުންނާއި ހަވާލުކޮށްފައިކަން ފާހަގަކުރަމުން ކަރެކްޝަނުން ބުނީ، ހުއްދަ ނުކުރާ އެފަދަ ތަކެތި ޖަލުތަކަށް ވެއްދުމަށް މަސައްކަތް ކުރުމަކީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ގައިދީން އިސްލާހުކުރުމަށް އެޅޭ ވަރަށް ބޮޑު ހުރަހެއް ކަމަށެވެ. އަދި އެފަދަ ކަންތައްތައް ނުކުރުމަށް އާއިލާތަކަށާއި އާންމުންނަށް ކަރެކްޝަން ސާވިސް އިން އިލްތިމާސްކުރެއެވެ.