English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިންތިޚާބުވާ ޕާޓީން ވަކިވެއްޖެ ނަމަ މެމްބަރު ކަމުގެ ގޮނޑި ގެއްލޭ ގޮތް ހަދަން ސަރުކާރުން ހުށަހެޅި އެންޓި ޑިފެކްޝަން ބިލަށް މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް) ތާއީދު ކުރައްވައިފި އެވެ.

މީގެ ކުރިން ވެސް ބައެެއް ކަންކަމުގައި ސަރުކާރުގެ ފިކުރަށް ތާއީދު ކުރައްވާފައިވާ ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެންޓި ޑިފެކްޝަން ގާނޫނެއް އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ. އެއް ޕާޓީއަކުން ހޮވުނު މެމްބަރަކު، އަނެއް ޕާޓީއަކާ ގުޅިވަޑައިގަންނަވަނީ ގޮނޑި ދޫކުރައްވާފައި ކަމަށާއި އަލުން އެ ގޮނޑި ބޭނުން ނަމަ، އެ މެމްބަރަކަށް ޖެހޭނީ އިންތިޚާބުގައި އަލުން ކުރިމަތިލައްވަން ކަމަށް އޭނާ ވިދާޅުވި އެވެ.

އެންޓި ޑިފެކްޝަން ބިލެއް މަޖިލީހަށް ހުށަހެޅުއްވީ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކެވެ.

ނިހާން ވިދާޅުވީ، ރައްޔިތުންގެ އިތުބާރު މަޖިލީހަށް ހޯދުމަށް އެފަދަ ގާނޫނެއް އޮތުން މުހިއްމު ކަމަށެވެ.

ޕީޕީއެމް އެމްޑީއޭ ޕާލިމެންޓްރީ ގްރޫޕުގެ 99 ޕަސެންޓު މެންބަރުންގެ ތާއީދާއެކު އެ ބިލު ފާސްކުރައްވާނެ ކަމަށް ނިހާނު ވިދާޅުވިއެވެ.

އެންޓި ޑިފެކްޝަން ބިލުގައި ބުނާގޮތުން އިންތިހާބުވި ޕާޓީން މެންބަރު ވަކިކޮށްފި ނަމަ ނޫނީ އަމިއްލައަށް ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭނެ އެވެ. އަދި ވަކި ޕާޓީއަކަށް ނިސްބަތް ނުވާ ގޮތަށް މަޖިލީހަށް އިންތިހާބުވެފައިވާ މެންބަރަކު ޕާޓީއަކާ ގުޅިވަޑައިގަތްނަމަވެސް ގޮނޑިއެއް ނުގެއްލޭނެއެވެ. ނަމަވެސް ޕާޓީ އަކާ ގުޅުމަށްފަހު، މިއިން ކަމެއް ހިނގައިފިނަމަ ގޮނޑި ގެއްލޭނެ ކަމަށް ބިލުގައި ވެއެވެ.