ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގުން ވެސް ސްޕެއިންގެ ރިއަލްމެޑްރިޑް އަތް ދަށުވެ މިސީޒަންގައި ބޮޑު ހަރަދެއްކޮށް ޗެމްޕިއަންސް ލީގުގެ ތަށި ހޯދުމަށް ފްރާންސުގެ ޕީއެސްޖީން ކުރި މަސައްކަތް ނާކާމިޔާބުކޮށްލައި ރިއަލްމެޑްރިޑް އިން ކުއާޓާފައިނަލްގެ ޖާގައެއް ހޯދައިފިއެވެ.
ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ރޭ ފްރާންސްގެ ޕީއެސްޖީ އާއި ސްޕެއިންގެ ރެއާލް މެޑްރިޑު ބައްދަލުކުރި ދެ ވަނަ ލެގުގެ މެޗު ރެއާލް މެޑްރިޑުން ކާމިޔާބުކޮށްފައިވަނީ 2-1 ލަނޑުގެ ނަތީޖާ އަކުންނެވެ.
މި މެޗުގެ ކުރިން މިދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ރެއާލް މެޑްރިޑުން އަމިއްލަ ދަނޑުގައި 3-1 ކާމިޔާބުކޮށްފައިވާއިރު ރޭ ޕީއެސްޖީގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ކާމިޔާބުކޮށް ރިއަލްމެޑްރިޑް ގަދަ 8ގެ ޖާގަ ކަށަވަރު ކޮށްފައިވަނީ 5-2 ލަނޑުގެ ނަތީޖާއަކުންނެވެ.
ރޭ ޕީއެސްޖީގެ ދަނޑުގައި ކުޅުނު މެޗުގައި އެޓީމްގެ އެންމެ މުހިންމު އެތް ކުޅުންތެރިޔާ އަދި މިވަގުތު ދުނިޔޭގައި ހުރި އެންމެ އަގުބޮޑު ކުޅުންތެރިޔާ ނޭމާ ފްރާންސް ލީގުގައި މާސޭ އާއި ދެކޮޅަށް ކުޅެނިކޮށް ފަޔަށް ލިބުނު އަނިޔާގެ ސަބަބުން މިމެޗުގައި ކުޅެފައި ނުވި ނަމަވެސް ޕީއެސްޖީ ވަނީ އެންމެ ފަހުގެ ޗެމްޕިއަން ރިއަލްމެޑްރިޑް އާއި ދެކޮޅަށް މޮޅު އެޓޭކިން ގޭމެއް ކުޅެފައެވެ.
ޕެރިހުގެ ޕާކް ޑި ޕްރިންސެސްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް ދެ ވަނަ ހާފު ފަށައިގެން 7 ވަނަ މިނެޓްގައި މިވަގިތު ދިނުޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ލަނޑެއް ޖަހައި ޕީއެސްޖީގެ އުންމީދު ކަނޑުވާލާފައެވެ.މި ލަނޑު ރޮނާލްޑޯ ކާމިޔާބުކޮށްފައިވަނީ ޑެނިއަލް އަލްވެސް އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ވަސްކުއޭޒް ނެގި ހުރަހަކުން ބޮލުންނެވެ.
މި ލަނޑަށް ފަހު ރިއަލްއިން މެޗުގެ ކޮންޓުރޯލް ހޯދައި މޮޅު ކުޅުމެއް ދައްކަމުން ދަނިކޮށް ޕީއެސްޖީއަށް އިތުރު ހުރަސްތަކަކާއި ކުރިމަތި ވީ މެޗުގެ 66 ވަނަ މިނެޓުގައި މާކޯ ވެރާޓީއަށް ދެވަނަ ރީނދޫ ކާޑާއެކު ދެއްކި ރަތް ކާޑު ދެއްކުމުންނެވެ.އެހެން ނަމަވެސް ކުޅުންތެރިޔަކު މަދުކޮށް ކުޅެމުންދިޔަ ޕީއެސްޖީން ވަނީ މެޗުގެ 71 ވަނަ މިނެޓުގައި ކަވާނީ ކާމިޔާބުކޮށްދިން ލަނޑުން އަނެއް ކާވެސް ދެވަނަ ބުރުގެ އުންމީދު އާކޮށްފައެވެ.
ކަވާނީގެ ލަނޑަށް ފަހު ޕީއެސްޖީއިން މެޗުގެ ކުޅުން ރަނގަޅު ކުރަން މަސައްކަތް ކުރި ނަމަވެސް ރިއަލްއިން ވަނީ ކަސިމީރޯގެ ލަނޑުން ދެވަނަ ފަހަރަށް މެޗުގެ ލާޑު ނަގާފައެވެ.
ޕީއެސްޖީގެ ކިލިއަން އެމްބަޕޭ، އެންގެލް ޑި މަރިއާ، މާކޯ ވެރާޓީ، އެޑިންސަން ކަވާނީ އަދި އެޑްރިއަން ރެބިއޮޓް މި މެޗުގައި މޮޅު ކުޅުމެއް ދައްކުވައިދިން އިރު ރެއާލްއިން ވަނީ އެ ޓީމުގެ ޑިފެންސިވް ލައިންގެ ވަރުގަދަ ފެންވަރު ވަރަށް ރަނގަޅަށް މި މެޗުގައި ދައްކުވައިދީފައެވެ.
ދެ ވަނަ ބުރުގެ ދެ ވަނަ މެޗުގައި ރޭ އިންގްލެންޑުގެ ލިވަޕޫލް ވަނީ އަމިއްލަ ދަނޑުގައި ޕޯޗުގަލްގެ ޕޯޓޯއާ 0-0 އިން އެއްވަރުކޮށް ދެ ލެގުގެ އެގްރިގޭޓުން 5-0 އިން ކުރި ހޯދައިގެން ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފަ އެވެ.