އިސްލާމީ ޔުނިވަސިޓީން ހުޅުމާލޭގައި އިމާރާތް ކުރާ ވަގުފް ބިނާގެ ބިންގާ މިއަދު އަޅައިފި އެވެ.
“ސަނާބިލް” ގެ ނަން ދީފައިވާ އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އިސްލާމީ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އެ ޔުނިވަސިޓީގެ ސެންޓާ ފޯ ޕޯސްޓް ގްރެޖުއޭޓް ސްޓަޑީޒްގެ ހެޑް ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ އާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން އެވެ.
މިއީ ރަސްމީ ތަފާތު ކަންކަމަށް ބޭނުން ކުރެވޭ ގޮތަށް ޑިޒައިން ކޮށްފައިވާ ހަތް ބުރީގެ އިމާރާތެކެވެ. އިސްލާމިކް ޔުނިވަސިޓީން ބުނީ، އޮފީސް ތަކާއި މީޓިން ރޫމްތަކުގެ އިތުރުން 300 މީހުންގެ ޖާގައިގެ ހޯލަކާއި ފުޑް ކޯޓެއް ހިމެނޭ މި އިމާރާތަށް 56 މިލިއަން ރުފިޔާާ ހަރަދު ވާނެ ކަމަށެވެ.
ބިންގާ އެޅުމަށް ފަހު ޝަހީމް ވިދާޅުވީ، މިއީ އިސްލާމިކް ޔުނިވާސިޓީ އަށް ފަންޑު އިތުރު ކުރުމުގެ ގޮތުން އިމާރާތް ކުރާ ތަނެއް ކަމަށެވެ. އަދި އިމާރާތުގެ އަމަލީ މަސައްކަތް ފަށައިގަތުމަށް ބޭނުންވާ ހުރިހާ ކަމެއް މިހާރު ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
“ބިލްޑިންގް ނިމުމުން އޭގެ ފައިދާ އިސްލާމިކް ޔުނިވާސިޓީ އަށް ލިބިގެންދާނެ ދުވަހެއް. އަޅުގަނޑުމެން ނެތަސް އެ ދުވަސް ފެނުން އަޅުގަނޑު އުފާވާނެ ދުވަހެއް. އުމީދުކު ރެވެނީ މީގެ ހެޔޮކަން އިސްލާމިކް ޔުނިވަސިޓީ އާއި ދަރިވަރުންނަށް ލިބޭނެ ކަމަށް،” ހުޅުމާލޭގެ ސެންޓްރަލް ޕާކް ކުރިމަތިން އޮންނަ 11528 ވަނަ ޕްލޮޓުގައި އަޅާ އިމާރާތާ ގުޅޭ ގޮތުން ޑރ. ޝަހީމް ވިދާޅުވި އެވެ.
އިމާރާތުގެ ބިންގާ އެޅި ނަމަ ވެސް އަދި އަމަލީ މަސައްކަތެއް ނުފަށަ އެވެ. އިސްލާމިކް ޔުނިވާސިޓީގެ އޮފިޝަލަކު ވިދާޅުވީ މިހާރު ކުރަމުން އަންނަނީ އިމާރާތުގެ ފައިނަލް ޑްރޯވިންގެ މަސައްކަތް ކަމަށެވެ. އަދި ކުރިއަށް އޮތް ދެ ތިން މަސް ތެރޭގައި ކޮންޓްރެކްޓަރެއް ހޯދަން އިއުލާނު ކޮށްގެން، އަމަލީ މަސައްކަތް ފެށޭވަރު ވާނެ ކަމަށެވެ.