ސްކޫލުތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ބާއްވާ ތިމާވެށީގެ ދެވަނަ ގައުމީ މަހާސިންތާ އަންނަ އޭޕްރީލް މަހު ބޭއްވުމަށް ނިންމައިފި އެވެ.
އެންވަޔަރަމަންޓް މިނިސްޓްރީ އިން މިއަދު ބުނީ އަންނަ މަހުގެ ހައަކުން އަށް ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ “ދަރިވަރުންގެ ތިމާވެށީގެ ގައުމީ މަހާސިންތާ” އޮންނާނީ ދަރުބާރުގޭގައި ކަމަށެވެ.
މަހާސިންތާގެ ޝިއާރެއްގެ ގޮތުގައި ކަނޑައެޅިފައި ވަނީ ‘ދަރިވަރުންގެ ވިސްނުން ދެމެހެއްޓެނެވި ކުރިމަގަކަށް ބާރުވެރިކުރުވުން’ ކަމަށާއި މަހާސިންތާގައި ހުށައަޅާ ޕްރޮޖެކްޓް ޕްރޮޕޯސަލްތަކުން ހޮވާލެވޭ ޕްރޮޕޯސަލްތަކަށް މާލީ އެހީދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ މިނިސްޓްރީ އިން ބުންޏެވެ.
މަހާސިންތާ ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ތިމާވެއްޓަށް ދިމާވާ މައްސަލަތަކުގެ ހައްލު އަމިއްލަ އަށް ހޯދުމުގެ އިލްމީ ގާބިލުކަން ދަރިވަރުންގެ ގައިގައި އަށަގަތުމާއި އެފަދަ ގޮންޖެހުންތަކާ ކުރިމަތިލާ ބާރުވެރި ބަޔަކަށް ދަރިވަރުން ހެދުން ކަމަށް ވެސް އެންވަޔަރަމަންޓް މިނިސްޓްރީ އިން ބުންޏެވެ.
އެ މިނިސްޓްރީ އިން ބުނީ ތިމާވެށީގެ ހޭލުންތެރިކަން އިތުރުކޮށް، ތިމާވެށި ހިމާޔަތް ކުރުމަށް ހިންގާ މިފަދަ ކަންކަމުގައި ޖަމިއްޔާ ތިމާވެށީގެ ހޭލުންތެރިކަން އިތުރުކޮށް، ތިމާވެށި ހިމާޔަތް ކުރުމަށް ހިންގާ މިފަދަ ކަންކަމުގައި ޖަމިއްޔާ ޖަމާއަތްތަކާއި ކަމާ ބެހޭ އެކި ފަރާތްތަކުގެ ހިއްސާ އަދި ބައިވެރިވުން އިތުރު ކުރުމަކީ ވެސް މަހާސިންތާ ބޭއްވުމުގެ އެއް އަމާޒު ކަމަށެވެ.
އެ މަހާސިންތާ އަކީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާޖީ އާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގުޅިގެން ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވަމުން އަންނަ މަހާސިންތާ އެކެވެ.
‘ދަރިވަރުންގެ ތިމާވެށީގެ ގައުމީ މަހާސިންތާ’ އެންމެ ފުރަތަމަ ބާއްވާފައި ވަނީ 2015 ވަނަ އަހަރުގެ އޯގަސްޓް މަހުގަ އެވެ.
އެ މަހާސިންތާގައި 37 ސްކޫލަކުން 148 ދަރިވަރުން ވަނީ ބައިވެރިވެފަ އެވެ.