English Edition
Dhivehi Edition

ޓީވީ ޝޯވ ” ސަސުރާލް ސިމަރް ކާ” ގެ ބަޠަލާގެ ބައި އަދާކުރަމުން ގެންދާ މަޝްހޫރު ދިޕިކާ އިސްލާމްދީން ޤަބޫލުކޮށްފިއެވެ. މިހާރު އޭނާގެ ނަމަކީ ފާއިޒާއެވެ.

ޓައިމްސް އޮފް އިންޑިއާއަށް ދިން އިންޓަވިއު އެއްގައި ފާއިޒާ ވަނީ އޭނާ އިސްލާމްދީން ޤަބޫލު ކޮށްފައިވާ ކަން ކަށަވަރު ކޮށްދެއްވާފައެވެ. އޭނާ ބުނެފައިވަނީ ތެދު ވިއްޔާ ވާނީ ތެދަށް ކަމަށާއި، އޭނާ އެކަން ކޮށްފައިވާ ކަމަށެވެ. އެކަމަކު އެކަން އޭނާ ކުރީ ކީއްވެގެން ، ކޮން އިރަކު ކަމާއިމެދު ވާހަކަ ދައްކަން ޖެހޭ ކަމަކަށް އޭނާއަށް ގަބޫލު ނުކުރެވޭ ކަމަށްވެސް ބުނެފައިވެއެވެ.

އެއީ އެމީހުންގެ ޒާތީ ކަމެއް ކަމަށާއި މީޑިއާގެ ކުރިމަތީގައި އެވާހަކަ ކޮންމެހެން ދައްކަން ޖެހޭ ކަމަކަށް ނުފެންނަ ކަމަށްވެސް އޭނާ ބުންޏެވެ.

“ބެލުންތެރިންނަށް ޓަކައި އަހަރުމެންނަކީ އެކްޓަރުން..އަބަދުވެސް ހުރިހާ ކަމެއް އެމީހުންނާއި އަހަރުމެން ހިއްސާ ކުރަން..ހުރިހާ އުފަލަކާއި ހިތާމައެއްވެސް ހުރިހާ މީހުންނާއި އަހަރުމެން ވާނީ ޙިއްޞާ ކޮށްފަ. އެކަމަކު މިއީ އަހަރުމެންގެ ޒާތީ ދިރިއުޅުން. މީގެ ތެރެއަށް އެއްވެސް މީހަކު ވަނުމަކަށް އަހަރެން ހުއްދައެއް ނުދެން” ފާއިޒާ ބުންޏެވެ.

އިތުރަށް ވާހަކަ ދައްކަމުން ބުނެފައިވަނީ އެއީ ޔަޤީންކޮށް ތެދެއް ކަމަށާއި ، އެކަމާއި އޭނާ އެއްވެސް ވަރަކަށް ދެކޮޅު ނަހަދާ ކަމަށެވެ. އަދި އޭނާ އެކަމާއި އުފާ ކުރާ ކަމަށާއި ފަޚުރުވެރިވާ ކަމަށްވެސް ބުނެފައި ވެއެވެ.

” އަހަރެން އެކަން ކުރީ އަހަރެންގެ އަމިއްލަ ނަފްސަށާއި އަމިއްލަ އުފަލަށްޓަކައި” ފާއިޒާ ބުންޏެވެ.

ފާއިޒާ އާއި ޝުޢައިބުގެ ކައިވެނި ކުރެވުނީ 22 ފެބްރުއަރީ 2018 ގައެވެ. މިދެމަފިރިން ވަނީ މިދިޔަ އަހަރު ގެނެސްދިން ” ނަޗް ބަލިޔޭ” ޑާންސް ޝޯވ ގައި ބައިވެރިވެފައެވެ. ޝުޢައިބު ފާއިޒާ ގާތު ކައިވެންޏަށް އަހާފައި ވަނީ އެ ޝޯވ ގެ ތެރެއިންނެވެ.