ގަންއިންޓަރނޭޝަނަލް އެއާޕޯޓު މެދުވެރިކޮށް ރާއްޖެއިން ބޭރަށްފުރާ ފުވައްމުލަކު މީހުން ގަމަށް އައުމާއި އެނބުރި ފުވައްމުލަކަށް ދިޔުމަށް ލޯންޗު ދަތުރުތަކެއް ހަމަޖައްސައިފިއެވެ. ސަދަން ޓްރާންސްޕޯޓު ލިންކް (އެސްޓީއެލް) އިން ވިދާޅުވީ އެކުންފުނިންކުރާ ދަތުރުތަކުގެ ޝެޑިއުލަށް މިބަދަލު ގެންނެވީ ފުވައްމުލަކުން ދަތުރުކުރާ ވަރަށްގިނަ މީހުންގެ އެދުމުގެ މަތީންކަމަށެވެ. މި ދަތުރުތައް އޮންނާނީ ކޮންމެ ހަފްތާއަކު ހޯމަ އަދި ބުރާސްފަތި ދުވަހުއެވެ. “މިދަތުރުތައް އޮންނާނީ ކޮންމެ ހަފްތާއެއްގެ ހޯމަ އަދި ބުރާސްފަތި މިދެދުވަހު. މީހުން އިތުރުވަމުންދާ ވަރަކަށް ދަތުރުތައްވެސް އިތުރުކުރާނަން އިރާދަކުރެއްވިއްޔާ،” އެސްޓީއެލްގެ މެނޭޖަރ ޝަފީއު ވިދާޅުވިއެވެ. އައްޑޫގައި ހުންނަ ސްރީލަންކަން އޮފީހުން ވިދާޅުވީ މިއީ އެމީހުންގެ ކަސްޓަމަރުންނަށް ލިބިގެންދާ ވަރަށްވެސް ބޮޑު ފަސޭހައެއް ކަމަށެވެ. “ގަންއެއާޕޯޓް މެދުވެރިކޮށް ރާއްޖެއިން ބޭރަށްދާން ބޭނުންވާ ފުވައްމުލަކުސިޓީ މީހުން ޓިކެޓްނަގާއިރު ހޯމަ އަދި ބުރާސްފަތި ދުވަހު އޮންނަ ލޯންޗުން ދަތުރުކުރެވޭ ގޮތަށް ނެގުން ވަރަށް މުހިންމު. އޭރުން އައްޑޫގައި މަޑުނުކޮށްވާނެ،” އައްޑޫގައި ހުންނަނަ ސްރީލަންކަންއޮފީހުން ވިދާޅުވިއެވެ. އެތަނުން ވިދާޅުވީ ހަމަ އެ ދެދުވަހު ބޭރުން ގަމަށް އަންނަތާ ގާތްގަޑަކަށް ގަޑިއެއްހާއިރުތެރޭ ފުވައްމުލަކު ސިޓީއަށް ދެވޭނެ ކަމަށެވެ. މި ޝެޑިއުލް މިއަދު އިއުލާނުކޮށް އަމަލުކުރަން ފަށާނެ ކަމަށް އެސްޓީއެލްއިން ވިދާޅުވިއެވެ. ލޯންޗު ފުވައްމުލަކުން ފުރުމަށް ހަމަޖެހިފައިވަނީ ހެނދުނު 6:00 ގައެވެ. ފޭދުއަށް ލަފާނީ 7:00 ގައެވެ. ގަމުން ފުލައިޓް ފުރާނީ ހެނދުނު 9:05 ގައެވެ. ކޮޅުނބަށް ދާނީ 11:25 ގައެވެ. ފުލައިޓު ކޮޅުނބުން ފުރާނީ ހެނދުނު 7:00 ގައެވެ. ގަމަށް ޖައްސާނީ ހެނދުނު 8:20 ގައެވެ. އެއިން އަންނަ މީހުން ގޮވައިގެން ލޯންޗު ފޭދޫ ބަނދަރުން ފުރާނީ ހެނދުނު 10:00 ގައެވެ. ފުވައްމުލަކަށް ލަފާނީ 11:00 ގައެވެ. ސްރީލަންކައިން ގަންއިންޓަރނޭޝަނަލް އެއާޕޯޓު މަގުން ދަތުރުކުރެވޭ މަންޒިލްތަކުގެ ތެރޭގައި ޓްރެވިންޑްރަމް، ޗެންނާއި، ކޮޗިން، ބެންގަލޯރ، ބެންކޮކް، ޑާކާ، ފަދަ ސިޓީތައް ހިމެނެއެވެ.