English Edition
Dhivehi Edition

އެމް.ޑީޕީ ފޭދޫ ދާއިރާގެ ރައީސް އަޙްމަދު އަދުހަމް، ދޫނިދޫގައި ކުރަމުންދާ ބަނޑުހައިހޫނު ކަމުގެ ހަޅުތާލު، ހެލްތު މިނިސްޓްރީ އާއި ކްރިމިނަލް ކޯޓުގެ ސަމާލުކަމަށް އޭނަގެ ވަކީލުން ގެނެސްފިއެވެ.

ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ އަދުހަމްގެ މައްޗަށް ކޮށްފައިވަނީ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތެވެ. އެގޮތުން މިދިޔަ މަހުގެ 16 ވަނަ ދުވަހުން ފެށިގެން ދޫނިދޫގައި ހައްޔަރުކޮށްފައި ހުރި އަދުހަމް ޖަލުގައި އޮތީ ފާޚާނާގެ އިސްކުރުން ފެން ބޮއެގެން ކަމަށް އޭނާގެ ވަކީލު މަހުފޫޒް ސަޢީދު ވަނީ ވިދާޅުވެފައެވެ.

ސިޓީއަކުން މަހުފޫޒު މި މައްސަލަ ހެލްތް މިނިސްޓްރީއަށާއި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ އިރު މީގެ ކުރިން އޭނާ ވަނީ މިމައްސަލަ ހިއުމަން ރައިޓްސްކޮމިޝަނުގެ ސަމާލުކަމަށް ވެސް ގެނެސްފައެވެ.

ސިޓީގައި އަދުހަމްގެ ޙާލަތާއި ކަންތައް ވަމުންދާ ގޮތް ވަރަށް ތަފްޞީލުކޮށް ބަޔާންކޮށްފައިވެއެވެ. އެގޮތުން ސިޓީގައި ވިދާޅުވެފައިވަނީ ދަތެއްގައި ރިއްސާތީ ދޫނިދޫގައި ހުންނަ ކްލިނިކަކަށް އަދުހަމް ރޭގަނޑު ދަންވަރު ގެންދިޔުމުން އެވަގުތުގެ ގޮތުން އެތަނުގައި ހުންނެވި ޑޮކްޓަރު ހިތްހަމަނުޖެހުން ފާޅުކޮށް ، އިރުއަރަން ދެން މަޑުނުކުރެވެނީތޯ ހަރުކަށިކަމާއިއެކު ސުވާލުކޮށްފައިވާ ކަމަށެވެ. އަދި ދަތުގައި އެއްވެސް މައްސަލައެއް ނެތްކަމަށް ބުނުމުން އެކަމާއި ޝަކުވާ ކުރުމުން އިތުރު ފަރުވާ ދިނުމަށް ދެކޮޅު ހަދައި އަދުހަމް ކްލިނިކުން ބޭރުކޮށްފައިވާ ކަމަށްވެސް ސިޓީގައިވެއެވެ.

އަދުހަމް ދެކެ ހިތްހަމަ ނުޖެހިގެން އިތުރު ފަރުވާއަށް އޭނާ މާލެ ފޮނުވުމަށް އިންކާރުކޮށް ޑޮކްޓަރުންގެ އެތިކްސްއާއި އެ ޑޮކްޓަރު ޚިލާފުވެފައިވާ ކަމަށް މަހުފޫޒުވަނީ ވިދާޅުވެފައެވެ.

ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާހީމަށް ފޮނުއްވާފައިވާ ސިޓީގައިވަނީ ދޫނިދޫގެ ކްލިނިކްގައި އިންނެވި އެ ޑޮކްޓަރު ގަސްތުގައި އެކަށީގެންވާ ފަރުވާ އަދުހަމްއަށް ދިނުމަށް އިންކާރުކޮށް ޑޮކްޓަރުންގެ އެތިކްސްއާއި ޚިލާފުވެފައިވާތީ އޭނާއާއި މެދު ފިޔަވަޅު އަޅުއްވައިދެއްވުމަށް އެދިވަޑައިގެންފައެވެ.

އަދުހަމްގެ ބަނޑުހައިހޫނުކަމުގެ ހަޅުތާލަށް 5 ދުވަސް ވެފައިވާ އިރު ފަރުވާނުދީ ލަސްކުރަނީ ކީއްވެގެންތޯ އާއި ހަޅުތާލާ ދެކޮޅަށް އަޅަނީ ކޮން ފިޔަވަޅެއްތޯ ސާފުކުރުމަށް ފުލުހުންނާއި ސުވާލު ކުރުމަށް ކޯޓަށް ހާޒިރުކުރުމަށް ކްރިމިނަލް ކޯޓަށް އެޑްރެސް ކޮށް ފޮނުއްވި ސީޓީގައި މަހުފޫޒު ވަނީ އެދިވަޑައިގެންފައެވެ.

އަދުހަމް ހައްޔަރު ކޮށްފައި ވަނީ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ސްޕްރީމް ކޯޓުން ނެރެފައިވާ އަމުރު ތަންފީޒު ކުރުމަށް އިދިކޮޅު ފަރާތްތަކުން ބާއްވަމުން ގެންދާ މުޒާހަރާގެ ތެރެއިންނެވެ. މި މުޒާހަރާ ތަކުގެ ތެރެއިން އެމްޑީޕީ ގެ އިސް ސަފުގައި ޙަރަކާތްތެރިވާ ބައެއް މެމްބަރުންގެ އިތުރުން އާންމު ބައެއް މެމްބަރުން ވެސް ވަނީ ހައްޔަރު ކޮށްފައެވެ.